14 Aug 2016, 08:54
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 24 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ހަރިކޭން ބާސްކެޓްބޯލް ކްލަބު އަތުން މޮޅުވެ، ދަ ބައުސްގެ ފެށުން ރަނގަޅުކޮށްފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ހަރިކޭން ބީސީ އަތުން ދަ ބައުސް މޮޅުވެފައިވަނީ 62-73 ޕޮއިންޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ބައުސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 19 ޕޮއިންޓް ހޯދައިދިން އިބްރާހިމް ނަސީމެވެ. ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 16 ޕޮއިންޓް ހޯދައިދިން އިބްރާހިމް އަންފާލް ޝަރީފެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބައުސްގެ އަބްދުﷲ އަމްޒަރް އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ވިޔަންސާއާ ދެކޮޅަސް ކުޅުނު މެޗުގައި ފަސޭހަކަމާއެކު 28-115 ޕޮއިންޓުން ރެޑް ލައިން ކްލަބު (އާރްއެލްސީ) ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އާރްއެލްސީ އަށް 26 ޕޮއިންޓް ހޯދައިދިން އަހްމަދު ފިރާޝް އެވެ.
އެ މުބާރާތުގައި ރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބު އަތުން 65-69 ޕޮއިންޓުން ޔޫތު އެކްޓިވިޓީ އެސޯސިއޭޝަން ވަނީ މޮޅުވެފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނަށް 24 ޕޮއިންޓް ހޯދައިދިން އަހްމަދު އާލިމް އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ތިން މެޗެއް މިއަދު ވެސް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ މެޗުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މިރޭ 7:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ބައުސް ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބެވެ. އަދި މިރޭ 9:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ސްޓިންގާސް ބާސްކެޓްބޯލް ކްލަބެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ ދިހަ ޓީމެއް ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ޓީރެކްސް ބީސީ އާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި، ސްޓިންގާސް ބީސީ އާއި، އެލްޓީ އެސްސީ އަދި ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ރެޑްލައިން ކްލަބާއި، ހަރިކޭން ބީސީ އާއި، ދަ ބައުސް އެސްސީ އާއި، ވިޔަންސާ އަދި ސައިކްލޯން ބީސީ އެވެ.
މި މަހުގެ 11 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މި މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.