14 Aug 2016, 01:43
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ކްލަބު ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރުވުމުން ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު މާޒިޔާއަށް ގެއްލިއްޖެއެވެ. މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި މިހާރު އޮތީ ކްލަބް އީގަލްސްއެވެ.
މާޒިޔާއަށް މިރޭގެ މެޗުން ތިން ޕޮއިންޓް ނުލިބުމުން އެއްވަނައިގައި އޮތީ މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކުރި އީގަލްސްއެވެ. އެޓީމް ކުޅުނު 12 މެޗުން 26 ޕޮއިންޓް ހޯދާފައިވާއިރު ދެވަނައިގައި އޮތް މާޒިޔާއަށް ލިބުނީ 25 ޕޮއިންޓެވެ. ތިންވަނައިގައި 23 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް އޮތް އިރު ވެލެންސިއާ އޮތީ 16 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ.
މިރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު 32 ވަނަ މިނެޓްގައި މާޒިޔާގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޯލުން އެ ޓީމަށް ވަނީ ލީޑް ލިބިފައެވެ.
މާޒިޔާ އިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގައި ވެސް އެ ޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ދަގަނޑޭ ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދާ ނުލެވުމުގެ ނަތީޖާއަކަށްވީ ވެލެންސިއާ އިން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކުރުމެވެ.
ވެލެންސިއާ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 64 ވަނަ މިނިޓްގައި އެންޖެލް އެންޖެލް މުނޯޒްއެވެ. އަކުރަމް އަބްދުލް ޣަނީ ނަގައިދިން ހުރަސް އެންޖެލް ގޯލުގެ ތެރެއަށް ފޮނުވާލީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެއެވެ.
ވެލެންސިއާގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމަށް ލީޑް ލިބިގެންދިޔައީ މެޗުގެ 76 ވަނަ މިނިޓްގައި ހަންސްލޭ އަވިލޯ ކާމިޔާބް ކޮށްދިން ގޯލުންނެވެ.
ވެލެންސިއާ އިން ލީޑްގައި އޮވެ މެޗު ނިންމާލަން ދަނިކޮށް މާޒިޔާ އިން ވަނީ މެޗުގެ 85 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. އެ މެޗުގައި މާޒިޔާ ސަލާމަތް ކޮށްދިން ގޯލު އަމްދާން އަލީ (އެންޑީ) ކާމިޔާބްކުރީ އެ ޓީމަށް ލިބުނު ކޯނަރެއްގައެވެ.
ލީގުގެ މެޗެއް ދެން މެޗެއް އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ހަވީރު ނިއު ރޭޑިއަންޓް ބީޖީއާ ދެކޮޅަށް ނިކުންނައިރު އެރޭ ކުޅޭ މެޗުގައި ވެލެންސިއާ ވާދަކުރާނީ ވިކްޓަރީއާ އެވެ.