28 May 2011, 14:46
ޑުވޭލް : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ކަމަށާއި ވެރިކަން ދޫކޮށްލައްވާފައި ޤައުމުން ބޭރަށް ވަޑައިގަތުމަށް ސިނާޢީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޖީ-8 ގެ ޤައުމުތަކުގެ ލީޑަރުން ގޮވާލައްވައިފިއެވެ.
ފަރަންސޭސިވިލާތުގެ ޑުވޭލް ރެސޯޓްގައި އިއްޔެ ނިމުނު ޖީ-8 ގެ ޤައުމުތަކުގެ ލީޑަރުން ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ގައްޒާފީއަށް ގޮވާލައްވާފައިވަނީ ވެރިކަން ދުކޮށްލެއްވުމަަށްފަހު ޤައުމުން ބޭރަށް ވަޑައިގަތުމަށެވެ. އަދި ލީބިޔާގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރުމުގެ އެއްވެސް ޝަރްޢިއްޔަތެއް ގައްޒާފީއަށްނެތް ކަމަށް ޖީ-8 ގެ ލީޑަރުން އިއްތިފާޤު ވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާނަށްފަހު ރަޝިޔާ ބުނީ ވެރިކަން ދޫކޮށްލެއްވުމަށްފަހު ގައްޒާފީ ޤައުމުން ބޭރަށް ވަޑައިގަތުމަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިވާން އެޤައުމުން ތައްޔާރަށް އޮތްކަމުގައެވެ.
ޖީ-8 ގެ ސަމިޓްގެ ބަޔާނުގައި، ސޫރިޔާއަށާއި ޔަމަނަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށް މަސައްކަތްކުރާ ރައްޔިތުންނާ ދެކޮޅަށް އެދެޤައުމުގެ ވެރިން ބާރުގެ ބޭނުންކުރައްވާ މައްސަލަ ވަރަށް ބޮޑަށް ކުއްވެރިކޮށް ވެރިކަން ދޫކޮށްލެއްވުމަށް އެދެޤައުމުގެ ވެރިންނަށް ގޮވާލެއްވިއެވެ. އެ ބަޔާނުގައި، ދުނިޔޭގެ އިޤްތިސާދީ މައްސަލަތައް ހައްލުކުރުމާބެހޭ ގޮތުންވެސް އެޤައުމުތަކަށް ފެންނަ ގޮތްތައްވެސް ހާމަކޮށްފައިވެއެވެ. (ބީ.ބީ.ސީ)