14 Aug 2016, 00:12
ޓެކްނޮލޮޖީއަށް ލޯބިކުރާ މީހުންގެ މި އަހަރުގެ އެންމެ ބޮޑު އިންތިޒާރު ކަމުގައިވާ، އެޕަލްގެ އައިފޯން 7 ސެޕްޓެމްބަރު ހަތްވަނަ ދުވަހު ލޯންޗު ކުރާނެ ކަމަށް މިހާރު މި ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.
އައިފޯން 7 ބާޒާރަށް ނެރޭނީ ސެޕްޓެމްބަރު 16ގައި ކަމަށް، މީގެ ކުރިން މިފަދަ މައުލޫމާތު "އިތުބާރު"ކަމާ އެކު އާންމުންނާ ހަމައަށް ހާމަކޮށްދިން އެހެން ނަމަވެސް އޭރުވެސް، ފޯނު ލޯންޗުކުރާ ތާރީޚެއް އެނގިފައެއް ނުވެއެވެ.
އައިފޯން 7ގެ އިތުރުން އައިފޯން 7 ޕްލަސް މި އަހަރު ނެރޭނެކަން ކަށަވަރެވެ. ކަށަވަރު ނުވާ މައުލޫމާތަކީ، އެޕަލްއިން އައިފޯނުގެ ހަތްވަނަ ޖެނެރޭޝަންގެ ތިންވަނަ ފޯނެއް ވެސް ނެރޭ ކަމެވެ. "އައިފޯން 7 ޕްރޯ" އޭ ކިޔާ ފޯނެއްގެ ވާހަކަ ވަނީ ފެތުރިފައެވެ. އައިފޯން 7 ޕްރޯއަކީ އައިފޯން 7 ޕްލަސްއަށް ކިޔާ ނަމެއް ކަން، ނުވަތަ މުޅިން ތަފާތު ފޯނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
އެހެން ނަމަވެސް ހަތްވަނަ ޖެނެރޭޝަންގެ ދެ ފޯނު ސެޕްޓެމްބަރު މަހުގެ ފުރަތަމަ 10 ދުވަސް ތެރޭގައި ނެރޭނެ ކަމަށް މިހާރު ވަރަށް ބޮޑަށް އެބަ ބެލެވެއެވެ.
މިއަހަރު ނެރޭ އައިފޯނުތަކުގައި ފާހަގަ ކޮށްލެވޭނެ އެންމެ މުހިންމު އެއް ސިފައަކީ ހެޑްފޯނު ޖަހާ ޖެކު ނެތުމެވެ. އައިފޯނުގެ ފުޅާމިން އިތުރަށް ހިމަކުރުމަށް ޓަކައި ހެޑްފޯނު ޖެކު ނަގައި، އައިފޯން 7 އާ އެކު އެޕަލްއިން އާ ހެޑްފޯނެއް ތައާރަފު ކުރާނެ ކަމަށް ބެލެވެއެވެ. އެ ހެޑްފޯނު ޖަހާނީ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށް ކަމަށް މީގެ ކުރިން ރިޕޯޓު ކުރެވިފައިވެއެވެ.
އައިފޯން 7 ގެ ތަފާތު ފަސް ކުލައެއް ހުންނާނެ ކަމަށް ޚަބަރު ފެތުރިފައި ވެއެވެ. އެއީ ގޯލްޑް، ސިލްވާ، ރޯޒް ގޯލްޑް، އަޅި ކުލަ ގަދަ ސްޕޭސް ގްރޭ، އަދި ގަދަ ނޫ ކުލައެކެވެ.
އައިފޯން 7 ގައި ބޭރުފުށުން ހުންނާނެ ކަމަށް ބެލެވެނީ، އައިފޯން 6 އަދި 6 އެސްއާ ވައްތަރު ޑިޒައިނެކެވެ. އެކަމަކު އެތެރޭގެ ހާޑްވެއާ ބަދަލުވެ، ފުރިހަމަވާނެ ކަމަށް ބެލެވެއެވެ. އައިފޯން 7 ގައި ދެ ޖީބީގެ ރެމްއެއް ހުންނަ އިރު އައިފޯން 7 ޕްލަސްގައި ތިން ޖީބީގެ ރެމްއެއް ހުންނާނެ ކަމަށް އަޑު ފެތުރިފައި ވެއެވެ.
މީގެ އިތުރުން، ހަތްވަނަ ޖެނެރޭޝަންގެ އައިފޯނުތަކުގެ ކެމެރާ ލެންސު ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ. ސެމްސަންގް ގެލެކްސީ އެސް7 ގައި ފޯކަލް ރޭޝިއޯ 1.7 ގެ ލެންސް ހުންނަ އިރު، އެޕަލްއިން އެހާ އަލިގަދަ ލެންސެއް ތައާރަފު ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް އައިފޯން 6 އެސްގައި މިހާރު ހުންނަ 2.2 ފޯކަލް ރޭޝިއޯގެ ލެންސަށް ވުރެ އަލިގަދަ ލެންސް، އައިފޯން 7 ގައި ހުންނާނެ ކަމަށްވެއެވެ.
މީގެ އިތުުރުން އައިފޯން 7 ޕްލަސްގެ ފަހަތުގައި ދެ ކެމެރާ ހުންނާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފޯނުގެ ފަހަތުގައި ދެ ކެމެރާ ލާފައި އެންމެ ފުރަތަމަ ރިލީޒްކުރި ފޯނަކީ ވާވޭ ޕީ9 އެވެ. އައިފޯން 7 ޕްލަސްގައި ވެސް ދެ ކެމެރާ ހުންނާނެ ކަމަށް ވަރަށް އިތުބާރާ އެކު ބަޔަކު ބުނަމުންދާ އިރު، ދެ ކެމެރާގައި ވެސް ދެ އިމޭޖު ސެންސަރ ހުންނާނެ ކަމަށާއި، އެއީ ވާވޭ ޕީ9 ފޯނު ފަދައިން އެއް ކެމެރާގައި ކަލަރ ސެންސަރު އަދި އަނެއް ކެމެރާގައި މޮނޮކްރޯމް ސެންސަރެއް ކަމަށްވެއެވެ. ދެ ކެމެރާގައިވާ ދެ ސެންސަރ ބޭނުންކޮށްގެން އުފައްދާ ފޮޓޯގެ ޑީޓެއިލް ފުރިހަމަވެ، ރީތި ވާނެއެވެ.
އައިފޯނުގެ ހަތްވަނަ ޖެނެރޭޝަންގެ ފޯނުތަކާ ބެހޭގޮތުން ޔަގީންކަމާ އެކު އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ބުނަން ނޭނގެނީ، މިހާތަނަށް އެޕަލްއިން މި ފޯނުތަކާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް ބަހެއް އާންމުކޮށްފައި ނުވާތީއެވެ. ކުރަންޖެހޭނެ ކަމަކީ، މީގެ ކުރިންވެސް އިތުބާރާ އެކު މައުލޫމާތުތައް އާންމުކުރަމުން ދިޔަ ފަރާތްތަކުން ދައްކާ ވާހަކަތައް އަޑު އެހި ނަމަވެސް، ފޯނު އުފައްދާ އެޕަލްގެ ރަސްމީ ބަހެއް ލިބެންދެން މާ ބޮޑު އުންމީދެއް ނުކުރުމެވެ.
އެހެން ނަމަވެސް ލޯންޗުކުރަން އުޅޭ އެޕަލްގެ 7 ވަނަ ޖެނެރޭޝަންގެ އައިފޯނުން ވެސް ތަފާތު ކަންތައްތަކެއް ފެނިގެން ދާނެ ކަމަކީ ޔަގީން ކަމެކެވެ.