13 Aug 2016, 23:59
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސަންޑަލޭންޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތު ސަންޑަލޭންޑްގެ ޕެޑީ މެކްނެޔާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.
މެންޗެސްޓާ ސިޓީގެ އެއްތިހާދު ސްޓާޑިއަމްގައި، ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސަންޑަލޭންޑް އަތުން ސިޓީ މޮޅުވެފައިވަނި 2-1 ލަނޑުންނެވެ.
މެޗު ފެށިތާ ފަސް މިނެޓުތެރޭ ލަނޑެއް ޖަހައި ސިޓީން ވަނީ ލީޑު ހޯދައިފައެވެ. ސަންޑަލޭންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަހީމް ސްޓާލިން އަށް ވޭން އާންހޯލްޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސިޓީ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ނަތީޖާ ހަމަހަމަކޮށްލުމަށް ސަންޑަލޭންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސަންޑަލޭންޑްގެ އިނގިރޭސި ފޯވަޑް ޖާމެއިން ޑެފޯ ފޮނުވާލި އެ ހަމަލާ، ސިޓީގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސްޓާލިން ނަގައިދިން ހުރަހަކުން އަގުއެރޯ ފޮނުވާލި ހަމަލާ ދިޔައީ ސަންޑަލޭންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ އަށް މިނެޓްފަހުން ސިޓީގެ ކެވިން ޑި ބްރޭނާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޑި ބްރޭނާ އުފެއްދި އެ ހަމަލާ، ސަންޑަލޭންޑްގެ ކީޕަރު ވިޓޯ މަނޯނޭ ވަނީ މަތަކޮށްފައެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ސަންޑަލޭންޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖެކް ރޮޑްވެލް ދިން ރީތި ބޯޅައަކުން ސަންޑަލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑެފޯ އެވެ. ސަންޑަލޭންޑުން އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ވަރަށް ރީތި ޕާސިން ކުޅުމަކަށްފަހު އެވެ.
ސިޓީއަށް އަލުން ލީޑު ލިބުނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. އެ ލަނޑަކީ ސަންޑަލޭންޑްގެ ނޮދަން އަޔަލެންޑް ޑިފެންޑަރު ޕެޑީ މެކްނެޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަކީ މި ސީޒަނުގައި ސަންޑަލޭންޑާ ގުޅުނު ކުޅުންތެރިއެކެވެ.
ޕްރިމިއާ ލީގުގައި މާދަމާ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖެގަޑިން މާދަމާ ހަވީރު 5:30ގައި ރަށުން ބޭރުގައި އޭއެފްސީ ބޯންމައުތުއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނަ އިރު، މާދަމާ ރޭ 8:00ގައި އަމިއްލަ ދަނޑުގައި އާސެނަލް އިން ލިވަޕޫލްއާ ދެކޮޅަށް ނުކުންނާނެ އެވެ.