13 Aug 2016, 22:50
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް އެތުލެޓިކްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އެ މުބާރާތުގެ ސެމީގެ ޖާގައެއް ނުހޯދުނު ނަމަވެސް އޭނާ ވަނީ ދިވެހީން ފަޚުރުވެރިވާ ވަރުގެ ކާމިޔާބީއެއް ހޯދައި ތާރީޚުން އާ ޞަފްހާއެއްލިޔެފައެވެ.
ރިއޯގައި މިއަދު ކުރިއަށްދާ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި 21 އެތުލީޓުންނާ ވާދަކޮށް 10.43 ސިކުންތުން ރޭސްނިންމައި ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރަށް ކޮލިފައިވި ސާއިދަށް ފުރަތަމަ ބުރުގައި ހީޓު ނިންމުނީ، 10.47 ސިކުންތުންނެވެ. އެއީ ޕްރިލިމިނަރީ ބުރުގައި އޭނާ ރޭސް ނިންމި ވަގުތަށް ވުރެ، 0.4 ސިކުންތު ލަސް އަދަދެކެވެ. އަދި އޭނާ ހަދާފައިވާ ގައުމީ ރެކޯޑަށްވުރެ 0.14 ސިކުންތު ލަސްކޮށެވެ.

ބްރެޒިލްގެ ރިއޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފިރިހެނުންގެ ބައިގެ ޕްރިލިމިނަރީ ހީޓުގައި ދުވެ، ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ހީތުގެ އެއްވަނަ ހޯދާފައި -- ފޮޓޯ: ރިއޯ2016
ރާއްޖޭގައި 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އޮތީ ސާއިދު އަތުގައެވެ. އެއީ 10.33 ސިކުންތެވެ.
މުބާރާތުގެ ސެމީން ޖާގައެއް ނުލިބުނު ނަމަވެސް ސާއިދު ވަނީ، އޮލިމްޕިކްސްގެ ބުރެއްގެ އެއްވަނަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފާއެކު ދިވެހި ކުޅިވަރުގެ ތާރީޚުން އަނެއްކާވެސް ޖާގައެއް ހޯދައިފައެވެ.

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ރިއޯ 2016 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ރައުންޑުގައި ދުވަނީ. އޭނާ ވަނީ ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ޖާގައެއް ހޯދާފައި. އެހެން ނަމަވެސް ސެމީން ޖާގައެއް ލިބޭގޮތެއް ނުވި -- ފޮޓޯ: ރިއޯ2016
ފުރަތަމަ ބުރުގެ ފަސްވަނަ ހީޓުގެ އެންމެ ފުލުގައި އޮވެ ސާއިދު ރޭސް ނިންމާލިއިރު ހީޓުގެ އެއްވަނަ ހޯދީ އައިވަރީ ކޯސްޓްގެ ބިން ޔޫސުފެވެ. އޭނާ ރޭސް ނިންމީ 10.03 ސިކުންތުންނެވެ. އެއީ ސާއިދަށްވުރެ 0.44 ސިކުންތު އަވަހަށެވެ. އެހީޓުގެ ދެވަނަ ހޯދީ އެމެރިކާގެ ދުވުންތެރިޔާ ޓްރޭވޮން ބްރޮމެލްއެވެ. އޭނާ ރޭސް ނިންމީ 10.13 ސިކުންތުންނެވެ.
ދިވެހިންގެ ފަޚުރުވެރި ދުވުންތެރިޔާ ވަނީ، މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދީފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސަގެ 100 މީޓަރު ދުވުމުގެ އިވެންޓުން އެއްވަނަ ހޯދައި އައިއޯއަިޖީގެ ހަޔާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށްފަހު ސައިދު ދިވެހި ގައުމީ ދިދަ ހިފައިގެން އުފާ ކުރަނީ --- ފައިލް ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ފުރަތަމަ ބުރުގެ ހުރިހާ ހީޓަކުން ޖުމުލަ 69 ދުވުންތެރީން ވާދަކޮށްފައި ވާއިރު، ސާއިދު ވަނީ ރޭންކިންގެ 58 ވަނަ ހޯދައިފައެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ދިވެހީންގެ ފަޚުރުވެރި އެތުލީޓު ހަސަން ސާއިދު ދައްކުވައިދިން ހިތްވަރަށް އައްސަރިބަހާ ސާބަސް ހައްގެވެ.