އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ފެށުން ހަލް ސިޓީން ހިތިކޮށްލައިފި އެވެ.

ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށުނު އިރު، ހަލް ސިޓީގެ ކިންގްސްޓަން ކޮމިއުނިކޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލެސްޓާގެ މައްޗަށް ހަލް ކުރި ހޯދީ 2-1 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ އަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް ލެސްޓާގެ ނައިޖީރިއާ ފޯވަޑް އަހްމަދު ފިރާޒް މޫސާ އާއި ވޭލްސް މިޑްފީލްޑަރު އެންޑީ ކިންގް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ހަލް އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. އުރުގުއޭ ފޯވަޑް އަބެލް ހެނާންޑޭޒް ދިން ބޯޅައަކުން ހަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަޑަމާ ޑިއޮމެންޑޭ އެވެ. އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ހަލް ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްފަހުން ލެސްޓާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ހަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލެސްޓާގެ ޑެމަރާއި ގްރޭ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލެސްޓާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލްޖީރިއާ ވިންގާ ރިޔާދް މަހްރޭޒް އެވެ.

ހަލް އިން އަލުން ލީޑު ހޯދާފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގަ އެވެ. ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް އަށް ހެދުނު ގޯހަކުން ހަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްކޮޓްލެންޑް މިޑްފީލްޑަރު ރޮބާޓް ސްނޮޑްގްރާސް އެވެ.

ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ތިން މެޗެއް ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެއީ ސައުތެމްޓަން އާއި ވެޓްފަޑް ބައްދަލުކުރި މެޗާއި މިޑްލްސްބްރޯ އާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު އަދި އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗެވެ.

މިރޭ ސައުތެމްޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ފްރާންސްގެ އެޓިއެނޭ ކުޕޫއޭ ވެޓްފަޑަށް ލީޑު ހޯދައިދިން އިރު، މެޗުގެ 58 ވަނަ މިނެޓުގައި ސައުތެމްޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ނޭތަން ރެޑްމޮންޑް އެވެ.

މިރޭ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ މިޑްލްސްބްރޯ އަށް މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިން ފޯވަޑް ނެގްރެޑޯ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި ސުވިޒަލެންޑް ފޯވަޑް ޒާޑަން ސިގީރީ ވަނީ ސްޓޯކް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމަށް އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ލީޑު ނަގައިދިން ނަމަވެސް، މެޗުގެ 59 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވަޑް އެރިކް ލަމޭލާ ވަނީ ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 ވެސްޓް ބްރޮވިޗް އަލްބިއޮން މޮޅުވި އިރު، ރަށުން ބޭރުގައި ބޭންލޭއާ ދެކޮޅަށް ކުޅުނު މެޗުން ސްވަންސީ ސިޓީ ވެސް މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. ކްރިސްޓަލް ޕެލަސް ކޮޅަށް ވެސްޓް ބްރޮމްގެ ލަނޑު ކާމިޔާބުކޮށްދިނީ ވެނެޒުއޭލާ ފޯވަޑް ރޮންޑޮން އެވެ. އަދި ބާންލޭ ކޮޅަށް ސްވަންސީގެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ނެދަލެންޑްސް މިޑްފީލްޑަރު ލެރޯއީ ފާ އެވެ.