ބަނގުރާ ބޮއިގެން ކާރު ދުއްވި މައްސަލައެއް ފެންމަތިވެ، ސްވީޑެންގެ މިނިސްޓަރަކު އިސްތިއުފާ ދެއްވައިފިއެވެ.

ސްވީޑެންގެ ކެބިނެޓުގައި މިނިސްޓަރުކަން މިހާތަނަށް ކުރި އެންމެ ޒުވާން މިނިސްޓަރު، 29 އަހަރުގެ އާއިދާ ހަދްޒިއަލިކް އަކީ އެގައުމުގެ އެންމެ ފުރަތަމަ މުސްލިމް މިނިސްޓަރުވެސް މެއެވެ.

މަތީ ތައުލީމާ ބެހޭ ވަޒީރު އާއިދާ ވިދާޅުވި ގޮތުގައި، އޭނާ ކާރުގައި ދިޔައީ ސްވީޑަންއާއި ޑެންމާކާ ގުޅުވައިދޭ ބްރިޖު މަތިންނެވެ. އާއިދާ ވިދާޅުވީ އޭނާ ކާރުގައި ދިޔައީ، ޑެންމާކްގެ ކޯޕަންހޭގަންގައި އެ ރޭ ހޭދަ ކުރުމަށް ކޯޕަންހޭގަންއަށް ކަމަށެވެ.

އެހެން ނަމަވެސް އޭނާ ކާރުގައި ދަތުރުކުރަމުން ދިޔަ ވަގުތު ފުލުހުން އޭނާގެ ކާރު ހުއްޓުވައި، އޭނާގެ ލޭގެ ޓެސްޓު ހެދި އިރު އޭނާގެ ހަށިގަނޑުގައި ބަނގުރަލުގެ އަސަރު މާ ބޮޑަށް ހުރިކަން ފުލުހުންނަށް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ.

އާއިދާ ބަނގުރާ ބޮއެގެން ކާރު ދުއްވި މައްސަލަ ފުލުހުން ބަލަމުންދާ އިރު، މައްސަލަ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން އާއިދާ ވިދާޅުވީ އޭނާ ކާރުގައި ދަތުރުކުރުމުގެ ކުރިން ދެ ތަށި ރާ ބުއި ކަމަށާއި، ނަމަވެސް ކާރަށް އެރި އިރު ރަލުގެ އަސަރުތައް ހަށިގަނޑުން ފިލައި ނުދިޔައީ ކަމަށެވެ.

"އަހަރެން އަމިއްލަ އިޚްތިޔާރުގައި އިސްތިއުފާ މި ދިނީ. އަހަރެންނަށް ކުރެވުނީ ސީރިއަސް ކުށެއް،" ސްވިޑެންގެ ކެބިނެޓުގައި ހިމެނުނު ފުރަތަމަ މުސްލިމް ވަޒީރު، އާއިދާ ވިދާޅުވި އެވެ.

އާއިދާ ހަދްޒިއަލިކް ވަނީ އޭނާގެ އުމުރުން ފަސް އަހަރުގައި އޭނާގެ އާއިލާއާ އެކު ބޮސްނިއާ-ހާޒްގޮވީނާއިން ސްވީޑަންއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ.

އުމުރުން 23 އަހަރުގައި އާއިދާ ވަނީ، ސްވީޑަންގެ ހޮލްމްސްޓާޑް ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ވެސް ކުރައްވައިފައެވެ.