13 Aug 2016, 19:52
އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 0-2 އިން ބަލިކޮށް ކްލަބް އީގަލްސް ވަގުތީ ގޮތުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ކުޅުނު 12 މެޗުން 26 ޕޮއިންޓް ހޯދައިގެން އީގަލްސް އެއްވަނައިގައި އޮތް އިރު އެޓީމަށްވުރެ އެއްމެޗު މަދުން ކުޅެ 24 ޕޮއިންޓާއި އެކު ދެވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މާޒިޔާއަށް އަލުން އެއްވަނަ ލިބޭނީ މިރޭ ކުޅޭ މެޗުގައި ވެލެންސިއާ ބަލިކޮށްގެންނެވެ. އީގަލްސް އަތުން މިއަދު ބަލިވި ނިއު އޮތީ ކުޅުނު 12 މެޗުން 13 ޕޮއިންޓް ލިބިގެން ތާވަލުގެ ހަ ވަނައިގައެވެ.
މިއަދުގެ މެޗު ފެށިގެން އީގަލްސްއިން ރަނގަޅަށް ކުޅުނުއިރު 18 ވަނަ މިނެޓްގައި އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ މިސްރުގެ ކުޅުންތެރިޔާ މުހައްމަދު ސެޑިކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އީގަލްސްގެ އަހުމަދު ޒާދު ދިން ބޯޅަ އެއް ހިފައިގެން ގޮސް ނިއުގެ ކީޕަރުގެ ބޯމަތިން ގޯލުގެތެރެއަށް ވައްދާލައިގެންނެވެ.
ނިއުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި އެ ޓީމަށް ވަނީ އީގަލްސްގެ ގޯލަށް އަމާޒްކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. އެއާ ހިލާފަށް އީގަލްސްއިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ.
އެމެޗުގައި އީގަލްސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ދެވަނަ ހާފްގެ 47 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބް ކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބް ކުރި ސެޑިކްއެވެ. އީގަލްސް އަށް ޕެނަލްޓީ ލިބުނީ ނިއުގެ ޕެންލޓީއޭރިއާ ތެރެއިން ސެޑިކް އަށް ނިއުގެ މުހައްމަދު ކަރަމް ކުރި ފައުލަކާ ގުޅިގެންނެވެ.