ޏ. ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓެއް، އެރަށުގެ ފަރަށް އަރައިފިއެވެ.

ފުވައްމުލަކު ފުނާޑު ކައުންސިލްގެ ރައީސް އަލީ ވަސީމް ވިދާޅުވީ، އެ ބޯޓަކީ ނަރުދަމާއާއި ފެނުގެ ނިޒާމު އެޅުމަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ތަކެތި ބަރުކޮށްގެން ފުވައްމުލަކަށް އައި ބޯޓެއް ކަމަށެވެ.

ފެނާއި ނަރުދަމާ އަޅާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އަރާފައި -- ފޮޓޯ/ އަލީ ވަސީމް

އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.

ވަސީމް ވިދާޅުވީ އެ ބޯޓަކީ އިންޑިއާގެ ހަރީ އެންޑް ކޯގެ ބޯޓެއް ކަމަށެވެ.

އެހެން ނަމަވެސް ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަނީ ކޮން ކުންފުންޏަކުން ކަމެއް ސާފުވާ ގޮތެއް އަދި ނުވެއެވެ.