އަންނަ އޮގަސްޓް މަހުން ފެށިގެން ލަންކާ އަށް ދަތުރުކުރާ 78 ގައުމެއްގެ މީހުންގެ ތެރެއިން ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށް ނޫނީ އޮން އެރައިވަލް ވިސާ ނުދިނުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ ލަންކާގެ ޑިޕްލޮމެޓިކް މިޝަންގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ބުނާ ގޮތުގައި އޮގަސްޓް މަހުން ފެށިގެން ލަންކާ އަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުން ޖެހޭނީ އޮންލައިންކޮށް ނުވަތަ ލަންކާގެ ޑިޕްލޮމިޓެކް މިޝަންއަކަށް ގޮސް ފޯމު ފުރައިގެން ވިސާ ހޯދާށެވެ.

ސްރީލަންކާ ސަރުކާރުން މިކަމާ ގުޅޭ ގޮތުން ނެރެފައިވާ ބަޔާނެއް ބުނާ ގޮތުގައި ލަންކާ އަށް ދަތުރުކުރާ މީހުންނާއި ލަންކާ މަގުން އެހެން ގައުމުތަކަށް ދަތުރުކުރާ މީހުން އެ ގައުމުގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ޑިޕާޓްމަންޓްގެ ވެބްސައިޓް މެދުވެރިކޮށް ވިސާއަށް އެދޭ ފޯމް ފުރަން ޖެހޭނެ ކަމަށެވެ. އަދި އިންޓަނެޓް ނުލިބޭ މީހުން އެ ގައުމުތަކުގައިވާ ލަންކާގެ ފޮރިން މިޝަންތަކަށް ގޮސް ފޯމް ފުރިދާނެ ކަމަށެވެ. އަދި ވިސާ ހޯދުމަށް އެހީތެރިވެދޭ އަމިއްލަ އެޖެންސީތައް ވެސް އެފަދަ މިޝަންތަކުން އުފައްދާނެ ކަމަށް ވެސް ސްރީލަންކާ ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ހަތްދިހަ އަށް ގައުމަކަށް އޮން އެރައިވަލް ވިސާ ދޫނުކުރުމަށް ނިންމީ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާ އެވެ. އޭނާގެ ކެބިނެޓުން ވަނީ އެކަމަށް އާބަސް ބުނެފަ އެވެ.