13 Aug 2016, 17:49
ބްރެޒިލްގެ ރިއޯ ޑި ޖަނޭރޯގައި ކުރިޔަށްދާ މި އަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ އިވެންޓުގެ ޕްރިލިމިނަރީ ހީޓުގައި ދުވެ، ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު އެއްވަނަ ހޯދައިފިއެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ޕްރިލިމިނަރީ ހީޓުގެ އެއްވަނަ ހޯދައި، އެއްވަނަ ބުރަށް ކޮލިފައި ވި އިރު، އޭނާ އެ ހީޓު ނިންމީ 10.43 ސިކުންތުންނެވެ. އެ ހީޓު އޭނާ ނިންމީ ވަރަށް ބޮޑު ލީޑަކާ އެކުގައެވެ.
މި ދުވުމުގެ ތިން ހީޓެއް ކުރިޔަށް ދިޔައެވެ. ސާއިދު ދުވެފައިވަނީ 100 މީޓަރު ދުވުމުގެ ދެވަނަ ހީޓުގައެވެ.
ތިން ހީޓުގައި ވާދަކުރި ޖުމްލަ 21 ދުވުންތެރިންގެ ތެރެއިން އެންމެ އަވަހަށް ދުވުން ނިންމާފައި ވަނީ ސާއިދު އެވެ. ދެވަނައަށް އެންމެ އަވަހަށް ދުވުން ނިންމީ، ތިންވަނަ ހީޓުގެ އެއްވަނައަށް ދިޔަ ޕަލާއުގެ ދުވުންތެރިޔާ ރޮޑްމަން ޓެލްޓުލް (10.53) އެވެ. އަދި ތިންވަނައަށް އެންމެ އަވަހަށް ދުވުން ނިންމީ، ފުރަތަމަ ހީޓުގެ އެއްވަނައަށް ދިޔަ މެސެޑޯނިއާގެ ދުވުންތެރިޔާ ރިސްޓަ ޕަންޑެވް (10.72) އެވެ.
ސާއިދުއާ އެކު ވާދަކުރި ދުވުންތެރިންނަކީ އެންގޯލާގެ ހެމެނެގިލްޑޯ، ބަންގްލަދޭޝް މިސްބާހު އަހުމަދު، ޓޮންގާގެ ސިއުއެނީ ފިލިމޯނޭ، މޯލްޓާގެ ލޫކް ބެޒީނާ، ކިރިބާތީގެ ޖޯން ރޫކާ އަދި އެމެރިކާގެ އިސާކް ސިލާފޫ އެވެ.
ސާއިދު އެ ރޭސް 10.43 ސިކުންތުން ނިންމި އިރު، ޕްރިލިމިނަރީ ބުރުގެ ދެވަނަ ހީޓުގައި ދެވަނައަށް ރޭސް ނިންމި ޓޮންގާގެ ސިއުއެނީ ފިލިމޯނޭ ރޭސް ނިންމީ 10.76 ސިކުންތުންނެވެ.
ރާއްޖޭގައި 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އޮތީ ސާއިދު އަތުގައެވެ. އެހެން ނަމަވެސް އެއީ 10.33 ސިކުންތެވެ.
އެ ހުރިހާ ދުވުންތެރިންގެ ތެރެއިން ވެސް 100 މީޓަރު ދުވުމުގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ ސާއިދުގެއެވެ. އެއީ 10.33 ސުކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އެ ރިކޯޑް ގާއިމް ކުރީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު ޖެމެއިކާގައި ކުރިއަށްދިޔަ އެމްވީޕީ ޓްރެކް އެންޑް ފީލްޑް އިވެންޓުގައި ދުވެގެންނެވެ.
ސާއިދު ޕްރިލިމިނަރީ ބުރުގެ ތިން ހީޓުން އެއްވަނަ ހޯދައި ދުވުމުގެ ފުރަތަމަ ބުރަށް ކޮލިފައި ވެފައިވާ އިރު، އެ ބުރު އޮންނާނީ މިރޭ ރާއްޖެ ގަޑިން 8:00 ޖަހާ އިރު އެވެ.
ޕްރިލިމިނަރީ ބުރުގައި ސާއިދު އެއްވަނަ ހޯދި އިރު، މިވަގުތު ގޫގްލް ސާޗުގައި ޖެމެއިކާގެ ދުވުންތެރިޔާ އުސައިން ބޯލްޓު ނަގާފައި، އެންމެ ޓްރެންޑު ވަމުންދާ އެތުލީޓަކީ ރާއްޖޭގެ ހަސަން ސާއިދެވެ.