މީގެ 44 އަހަރު ކުރިން އިނގިރޭސި ރާނީ، އެލިޒަބަތު ދޭއް ރާއްޖެ ވަޑައިގަތްއިރު އެކަމަނާ ދަތުރުކުރެއްވި ކާރުކޮޅު ނީލަމުން ގަތީ 170000 ރުފިޔާއަށް ކަމަށާއި މިހާރު ވިސްނުންހުރީ އެކާރު ލ. އަތޮޅަށް ގެންދިއުމަށް ކަމަށް އެކާރު ގަތް ފަރާތުން ބުނެފިއެވެ.

އެކާރަށް އަޅާނުލެވޭ ކަމަށް ބުނެސަންއިން ރިޕޯޓްކުރުމާ ގުޅިގެން އެ ކާރު ނީލަމުން ގަތް ފަރާތުން ސަން އަށް ބުނީ، އެ ކާރު ގަތީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހިސާބުގައި ކަމަށާއި އެ ކާރު އަދިވެސް ނުގެންދެވިފައި އޮތީ ގެންދާނެ ތަނެއް ނެތިގެން ކަމަށެވެ.

ރާނީ އެކާރުކޮޅުން ފައިބާވަޑައިގަންނަވަނީ-

"ރައްޓެއްސަކު ގަންނަން ބުނީމަ ގަތީ، ފުރަތަމަ ވިސްނީ އޭތި ހަދައިގެން ދުއްވަން، އެކަމަކު މިހާރު އެކަން ވާކަށް ނެތް، އަދި އޭތި ގެންދާނެ ތަނެއްވެސް ނެތް، އެހެންވެ އެއޮތީ ބާއްވާފައި،" މުލީއާގޭ ގަރާޖުގައި މިހާރުއޮތް ކާރު ނީލަމުން ގަތް މީހާ ބުންޏެވެ.

އޭނާ ބުނީ މިހާރު ވިސްނުންހުރީ އެ ކާރު ލ.ގަމަށް ގެންގޮސް އެރަށު ލިންކުރޯޑްކައިރި މީހުންނަށް ފެންނާނެހެން ބޭއްވުން ކަމަށެވެ.

"ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ ލ. އަށް ގެންދާނަން، ގެންގޮސް ހަމަ ބިއްލޫރި ފޮއްޓެއްގެ ތެރޭގައި ބާއްވާނީ މީހުންނަށް ފެންނަގޮތަށް،" އޭނާ ބުންޏެވެ.

އެކާރަކީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ދުއްވި ކާރެކެވެ. އެއީ ދިވެހި ދައުލަތުގެ ނިޝާން ޖެހި ދައުލަތުގެ ކާރެކެވެ. މިހާރު އެކާރަށް އެއްވެސް އަޅާލުމެއްނެތެވެ. ބާސަތަރިއެއް އަޅައި ކާރު އޮތީ ބާއްވާފައެވެ.

ދަބަަރަށް ވެފައިވާ އެކާރު ނީލަން ކިޔާފައިވަނީ މިދިޔަ އަހަރުއެވެ. ނީލަން ކިޔުމުގެ ބަދަލުގައި ދާރުލް އާސާރަށް އެކާރު ގެންދިއުމަށް ގިނަ ބަޔަކު އެދެއެވެ. ނަމަވެސް އެކާރު ގަތް ފަރާތުން އެކަން ބޭނުމެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ހެރިޓޭޖް ޑިޕާޓްމަންޓުގެ އިސް ފަރާތަކުން ބުނީ އެފަދަތަކެތި ސަގާފީ ތަކެތީގެ ގޮތުގައި ރައްކާތެރި ކުރެވޭނީ ސަރުކާރުން ހަވާލު ކުރުމުން ކަމަށާއި މިހާތަނަށް އޭތި ސަރުކާރުން ހަވާލުކޮށްފައިނުވާ ކަމަށެވެ.

އެ ކާރަކީ އެމެރިކާގެ ބްރޭންޑެއް ކަމަށްވާ "ޝެވްރޮލޭ" ބްރޭންޑުގެ ކާރެކެވެ. އެއީ އެ ބްރޭންޑް ސީރީޒްގެ ފަސް ވަނަ ޖެނެރޭޝަންގެ ކާރެކެވެ. ހަތަރު ދޮރުފަތް ހުންނަ އެ ޝާހީ ކާރުގެ ކުލައަކީ ކްރީމް ކުލައެވެ. އެ ޒަމާނަށް ބަލާއިރު ރަނގަޅު އިންޖީނެއް އިން އެ ކާރުގެ އިންޖީނު ވެސް މިހާރު ވަނީ ދަބަރަށްވެފައެވެ.