13 Aug 2016, 16:56
މިއަދު ފަށާ އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް)ގެ މި އަހަރުގެ ފުލް ސީޒަން، ރާއްޖޭގެ ޓީވީ ޗެނަލެއް ކަމުގައިވާ އައިސް ޓީވީއިން ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.
އައިސް ޓީވީއަކީ ރާއްޖޭގެ ކޭބަލް ޓީވީ ޚިދުމަތް ދޭ މީޑިއާނެޓުން ހިންގާ އެޗްޑީ ޓީވީ ޗެނަލެކެވެ.
އައިސް ޓީވީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިނގިރޭސި ޕްރިމިއާ ލީގުގެ މި އަހަރުގެ ސީޒަން އައިސް ޓީވީއިން އެޗްޑީކޮށް ދައްކާ އިރު، މިއީ ރާއްޖޭގެ ލޯކަލް ޓީވީ ޗެނަލަކުން މިފަދަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ދައްކާ ފުރަތަމަ ފަހަރު ކަމަށެވެ.
އައިސް ޓީވީއިން މައުލޫމާތު ދިން ގޮތުގައި، އެއް ވަގުތެއްގައި އެއް މެޗަށް ވުރެ ގިނަ މެޗު ދައްކާ ނަމަ، އެންމެ ތަރުހީބު ބޮޑު މެޗެއް ދައްކާ ގޮތަށް ހަމަޖެހިފައިވާ އިރު، އެހެން މެޗުތަކުގެ ރިޕީޓު ފަހުން ދައްކާ ގޮތަށް ހަމަޖެހިފައި ވެ އެވެ.
އައިސް ޓީވީ ފެންނާނީ މީޑިއާ ނެޓުގެ ޗެނަލް ނަމްބަރު 100 އިންނެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް މީޑިއާނެޓުން ހިންގަން ފެށި އައިސް ޓީވީއިން ދަނީ، މުނިފޫހިފުލިވުމުގެ އެކިއެކި ޕްރޮގްރާމްތައް ފޮނުވަމުންނެވެ.
އަދި މި އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިންގް ރައިޓްސް ރާއްޖެއިން ލިބި، އެ މުބާރާތް ބްރޯޑްކާސްޓު ކުރި ދިވެހި ދެ ޗެނަލުގެ ތެރެއިން އެއް ޗެނަލަކީ އައިސް ޓީވީ އެވެ.
އިންގްލިޝް ޕްރިމިއާ ލީގު ރާއްޖެ ގަޑިން މިއަދު 4:30 ގައި ފަށާފައިވާ އިރު، މި އަހަރު އެ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަނީ، ނިމިދިޔަ އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި އުފުލާލި ލެސްޓާ ސިޓީއާއި، ހަލް ސިޓީ އެވެ. މީގެ އިތުރުން މިރޭ އީޕީއެލްގެ އިތުރު ހަ މެޗު ކުޅުމަށް ހަމަޖެހިފައި ވެ އެވެ.