ވޮޝިންޓަން(އޮގަސްޓް 13): ރަޝިއާއާ ގުޅުން ހުރި ކަމަށް ބެލެވޭ ހެކަރެއް އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ 200 ވަރަކަށް އިސް ލީޑަރުންގެ އަމިއްލަ މައުލޫމާތު އާއްމުކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޑިމޮކްރަޓިކް ކޮންގްރެޝަނަލް ކެމްޕެއިން ކޮމިޓީ ހެކް ކޮށްގެން ހޯދާފައިވާ މައުލޫމާތުތަކުގެ ތެރެއިން އިތުރު މައުލޫމާތު އަނެއްކާވެސް އާއްމު ކޮށްފައި ވަނީ ގުސިފާ 2.0 ކިޔާ ހެކަރެކެވެ.

އެމެރިކާގެ ގިނަ އިންޓެލިޖެންސް އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި ގުސިފާ 2.0 އަކީ ރަޝިއާ އަސްކަރިއްޔާގެ ޖާސޫސީ އިދާރާއާ ގުޅުން ހުރި ހެކަރުންގެ ގުރޫޕެކެވެ.

ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްއަށް ގުސިފާ 2.0ގެ ޓުވިޓާ އެކައުންޓުން ފޮނުވާފައިވާ މެސެޖެއްގައި ވަނީ އެއީ އެކަނި މަސައްކަތް ކުރާ ހެކަރެއް ކަމަށެވެ. އަދި ހެކްކޮށްގެން ލިބުނު ގިނަ މައުލޫމާތު ވިކިލީކްސްއާ ހިއްސާ ކުރާނެ ކަމަށް ވެސް ގުސިފާ 2.0ގެ ޓުވީޓެއްގައިވެ އެވެ.

އިއްޔެ އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހައުސް އިންޓެލިޖެންސްގެ މެމްބަރުންނާއި، އަސްކަރިއްޔާ އާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީތަކަށް ނިސްބަތްވާ ފަރާތްތަކުގެ މޮބައިލް ފޯނު ނަމްބަރާއި، އަމިއްލަ އީމެއިލް އެކައުންޓުތަކާއި އީމެއިލްތައް ހިމެނެއެވެ.

ބޭރުގެ ޖާސޫސުންނަށް އެފަދަ މައުލޫމާތު ލިބުމަކީ ގައުމީ ސަލާމަތަށް އޭގެ އަސަރު ކުރާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވެއެވެ. (ޕީޓީއައި)