13 Aug 2016, 17:06
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރާއިރު ދުނިޔޭގެ އާބާދީގައި ހިމެނޭ ޒުވާނުންގެ ތެރޭން 500 މިލިއަށް ޒުވާނުން އުޅެމުންދަނީ ފަގީރުކަންމަތީގައި ކަމަށް އދ.ގެ އާބާދީ ޖަމިއްޔާގެ އެގްޒެެކެޓިވް ޑިރެކްޓަރު ޑރ. ބަބަޓުންޑޭ އޮސޮޓިމެހިން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން ބަބަޓުންޑޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ 500 މިލިއަނަށްވުރެ ގިނަ ޒުވާނުން އުޅެމުންދަނީ ފަގީރުކަން މަތީގައިކަމަށާއި، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ވަސީލަަތްތައްވެސް އެމީހުންނަށް ނުލިބޭ ކަމަށެވެ.
އެ ބަޔާނުގައި، ފަގީރުކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ޒުވާނުންނަށް ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. އަދި ފަގީރުކަން ނައްތާލެވިއްޖެ ނަމަ އެންމެ ބޮޑު ފައިދާއެއް ކުރާނީ ވެސް ޒުވާނުންނަށް ކަމަށާއި، އެކަން ނުކުރެވިއްޖެ ނަަމަ އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީވެސް ޒުވާނުންނަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
ދުނިޔޭގައި ޒުވާންގެ ބޮޑު އާބާދީއެއް އުޅުމަކީ ކުރިއެރުމަށް މަސައްކަތްކޮށް އުފެއްދުންތެރި ހައްލުތައް ހޯދުމަށް ލިބިފައިވާ ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރި ކުރުވަން ޖެހޭކަމަށާއި، އެމީހުންނަށް މުޖުތަމައުގައި އިތުރަށް ހަރުދަނާވެ ނުފޫޒު ފޯރުވޭނެ މަގު ތަނަވަސްކޮށް ދޭންޖެހޭ ކަމަށް އޭނާގެ ބަޔާނުގައިވެއެވެ. އަދި އެކަން ހާސިލް ކުރުމަށްޓަކައި ހުރިހާ ގައުމަތަކަކުންވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ކުރިމަތިވާ ޅައުމުރުގައި ގަދަކަމުން ކައިވެނި ކުރުވާ ކުރުވުން ހުއްޓުވަން ޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި ތައުލީމީ ފުރުސަތުތައް ހޯދައިދީ، ސިއްހީ ފަރުވާއާއި ޖިންސީ ގުޅުމާ މައިވަންތަވުމުގެ ސިއްހަތާ އާއިލާ ބިނާކުރުމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ހޯދަމުން އަންނަ ކުރިއެރުންތަކަށް އަލިއަޅުުއްވާލައްވައި، އުފެއްދުމާއި ބޭނުންކުރުމަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އަންނަ ފަދަ ކުންފުނިތަކާއި ޖަމިއްޔާތައް އަދި ސަރުކާރުތައް އިޖްތިމާއީ ގޮތުންނާއި ތިމާވެއްޓާމެދު ޒިންމާދާރު ކުރެވޭނެ ފަދަ ނިންމުންތަކެއް ޒުވާނުން ނިންމަމުން އަންނަކަން ފާހަގަ ކުރައްވާފައިވެއެވެ.
އޭނާގެ ބަޔާނުގައި ޒުވާނުންގެ ތަރައްގީއާއި އިންސާނީ ހައްގުތައް އަދި ޒުވާނުންގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ލިބޭ ކުރިއެރުން ފާހަގަ ކުރުމަށް ސަރުކާރުތަކަށާއި، ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކާއި އެހެނިހެން ނުފޫޒު ފޯރުކުރުވަނިވި ބޭފުޅުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަކުރާ ދުވަހަކީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. އެދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ.
މިއަހަރު މިފާހަގަ ކުރާ 17 ވަނަ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ. އިން ކަނޑައަޅާފައި ވަނީ "2030 ވަނަ އަހަރަށް އޮތް ކުރިމަގު: ފަގީރުކަން ނައްތާލުމާއި ދެމެހެއްޓެނިވި އުފެއްދުމާއި ބޭނުންކުރުން ހާސިލްކުރުން" މިއެވެ.