13 Aug 2016, 14:04
އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއްވަނަ ދުވުންތެރިއާ ހަސަން ސާއިދު މިއަދު ދުވުމަށް ތާއްޔާރު ވަމުން އަންނަ އިރު އޭނާގެ އަމާޒަކީ ފުރަތަމަ ހީޓް ފަހަނަ އަޅައި، ފުރަތަމަ ރައުންޑަށް ކޮލިފައިވުން ކަމަށް ބުނެފިއެވެ.
“އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް މުބާރާތް. އަޅުގަނޑުމެން ދާއިރު ވެސް އެބަ އިނގޭ ވަކިއެހާ ކުރިއަކަށް ނުދެވޭނެ ކަން. ފުރަތަމަ ބުރު ކޮލިފައިން ރައުންޑް ފަހަނައަޅާ ދިއުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް،" މިއަދު ރާއްޖޭ ގަޑިން 5:37 ގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ދުވުމަށް ތައްޔާރު ވަމުންދާ ސާއިދު ބުންޏެވެ.
މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން ސާއިދު ބުނީ މިއަހަރުގެ އޮލިމްޕިކް ގޭމްސްގައި އޭނާގެ އަމާޒަކީ ކުރިއަށްވުރެން އިތުރު ކުރިއެރުންތަކެއް ހޯދައި ދިވެހިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ.
ޕްރިލިމިނަރީ ބުރުގެ ތިން ހީޓުން 22 ދުވުންތެރިން ވާދަކުރާއިރު ފުރަތަމަ ބުރަށް ހޮވޭނީ އޭގެ ތެރެއިން އެންމެ ބާރު ދުވުންތެރިންނެވެ. ސާއިދު ލައްވާލި ހީޓް ދޭއްގަ އެވެ. އޭނާއާއިއެކު ދެން ވާދަކުރަނީ އެންގޯލާގެ ހެމެނެގިލްޑޯ (11.40) އާއި ބަންގްލަދޭޝް މިސްބާހު އަހުމަދު (10.72) އާއި ޓޮންގާގެ ސިއުއެނީ ފިލިމޯނޭ (10.72) އާއި މޯލްޓާގެ ލޫކް ބެޒީނާ (10.68) ކިރިބަތީގެ ޖޯން ރޫކާ (11.19) ގެ އިތުރުން އެމެރިކާގެ ޒުވާން ދުވުންތެރިޔާ އިސާކް ސިލާފޫ އެވެ.
އެ ހުރިހާ ދުވުންތެރިންގެ ތެރެއިން ވެސް 100 މީޓަރު ދުވުމުގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ ސާއިދުގެއެވެ. އެއީ 10.33 ސުކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އެ ރިކޯޑް ގާއިމް ކުރީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު ޖެމެއިކާގައި ކުރިއަށްދިޔަ އެމްވީޕީ ޓްރެކް އެންޑް ފީލްޑް އިވެންޓުގައި ދުވެގެންނެވެ.