13 Aug 2016, 14:40
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެއް ހަފުތާގެ ސްޓަޑީ ޓުއާގައި ބައިވެރިވުމަށް އިތުރު އަށް ބައިވެރިއަކު އިއްޔެ މެލޭޝިޔާއަށް ފުރައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީ އާ ގުޅިގެން ހިންގާ ޕްރިންސިޕަލުން ތަމްރީން ކުރާ ޕްރޮގްރާމުގައި ބައިވެރި ވުމަށް މިދިޔަ ބުރާސްފަތި ދުވަހު 23 ބައިވެރިންގެ ޓީމެއް މެލޭޝިޔާ އަށް ގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އިއްޔެ ފުރި އަށް ބައިވެރިންނަކީ އެޓީމުގެ އިިތުރު އަށް ބައިވެރިން ކަމަށާއި އެބައިވެރިން ވެސް މެލޭޝިޔާގައި ތަމްރީން ހޯދާނީ ބުރާސްފަތި ދުވަހު ފުރި ޓީމާ އެކުގައި ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
މިނިސްޓްރީން ބުނީ އެ ސްޓަޑީ ޓުއާގެ ބައިވެރިން މެލޭޝިޔާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީގެ އިތުރުން އެ ގައުމުގެ އިތުރު ފަސް ސްކޫލަކަށް ޒިޔާރަތްކޮށް ސްކޫލް ހިންގުމުގެ ދާއިރާއިން މައުލުމާތު ހޯދާނެ ކަމަށެވެ. އަދި ޔުނިޓާ އިންޓަނޭޝަނަލް އިން 21 ވަނަ ގަރުނުގައި ސްކޫލްތަކުގެ ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ ތިން ބުރެއްގެ މަތިން ޕްރިންސިޕަލުން މެލޭޝިޔާ އިން ތަމްރީންކޮށްފަ އެވެ. ހަތަރު ވަނަ ބުރުގެ ބައިވެރިން މިހާރު މެލޭޝިޔާއަށް ގޮސްފައިވާ އިރު، އެ ސްޓަޑީ ޓުއާގައި އަތޮޅުތެރެއާއި މާލޭގެ ސްކޫލްތައް ހިންގުމުގައި ހަރަކާތްތެރިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓި ޕްރިންސިޕަލުންގެ އިތުރުން ލީޑިން ޓީޗަރުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ޕްރޮގްރާމްގެ ފަސް ވަނަ ބުރު މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2017 ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އެ ތަމްރީނު ޕްރޮގްރާމުން ފުރުސަތު ހޯދައިދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.