ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ]އެމްޓީސީސީ[ އިން އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ޖަލްސާ ފަސް ކުރުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ.

އެމްޓީސީސީއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ ޏ. ފުވައްމުލަކު، ލީބިޔާގޭ، އިބްރާހިމް ލަތީފެވެ. އޭނާގެ ދައުވާގައި ބުނަނީ އެމްޓީސީސީގެ ބޯޑަށް އެ ކުންފުނީގެ އާންމު މުވައްޒަފަކަށް ކުރިމަތިނުލެވޭނެ ކަމަށް ބުނެ، އެ ފުރުސަތު ދީފައިނުވާތީ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ ލަތީފް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަކީ އެ މައްސަލައިގެ ޝަރީއަތުގެ ތެރޭގައި ވެސް ބެލިގެންދާނެ ކަންކަން ކަމަށެވެ. އަދި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެމްޓީސީސީގެ ޖަލްސާ ބާއްވައި ބޯޑު މެންބަރުން ހޮވައިފި ނަމަ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެހެންކަމުން އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވުން ފަސް ކުރުމަށް އެ ކުންފުނީގެ މައްޗަށް އަމުރު ކުރާ ކަމަށް ވެސް އެ ވަގުތީ އަމުރުގައި ބުނެފައިވެ އެވެ.

"...އަހަރީ އާންމު ޖަލްސާ ބާއްވައިފި ނަމަ މި މައްސަލައިގައި ދައުވާ ކުރާ ފަރާތުގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭނެ ކަމަކަށް އެކަން ވެގެން ހިނގައިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވުނު ހިނދު، އެމްޓީސީސީގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ބާއްވާ އަހަރީ އާންމު ޖަލްސާ ބޭއްވުން ފަސް ކުރުމަށް އެމްޓީސީސީއަށް އަންގައި އަމުރު ކުރަން،" އެ އަމުރުގައިވެ އެވެ.

ސިވިލް ކޯޓުގެ އަމުރާ އެކު އަހަރީ ޖަލްސާ ބޭއްވުން ފަސް ކުރިކަން އެމްޓީސީސީން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ކޯޓު އަމުރާ ގުޅިގެން ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށެވެ.