13 Aug 2016, 11:08
ޕިޝާވަރު (އޮގަސްޓް 13): ޕާކިސާތާނުގެ ޕިޝާވަރުގެ ހޮސްޕިޓަލްތަކަކުން އަލަށް ވިހާ ކުދިން ވަގަށް ނެގުމަށް ފަހު ވިއްކަމުން ދިޔަ ގޭންގެއް އިއްޔެ ހައްޔަރުކޮށްފި ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ގޭންގުގެ މެމްބަރުން އަލަށް ވިހާފައިވާ ކުދިން ނަގަނީ އެކުއްޖާގެ ބަދަލުގައި މަރުވެފައިވާ ކުއްޖެއް ބޭއްވުމަށް ފަހު އެވެ. އަދި ކުއްޖާ މަރުވި ކަމަށް އާއިލާ ކައިރީ ބުނަނީ އެވެ.
އެއަށް ފަހު ދަރިން ނުލިބޭ މީހުންނަށް 650 ޑޮލަރާއި 2،850 ޑޮލަރާ ދެމެދުގެ އަގެއްގައި އެކުދިން ވިއްކަނީ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެމީހުން ވަގަށް ނަގާފައިވާ އެއް ކުއްޖަކު ސަލާމަތްކޮށްފަ އެވެ.
އެމައްސަލާގައި އިއްޔެ ފުލުހުން ހައްޔަރު ކުރީ ފަސް އަންހެނަކާއި ދެ ފިރިހެނެކެވެ. އޭގެ ތެރޭގައި ނަރުހަކާއި، ދެ ހެލްތް ވޯކަރުންނާއި ކުދިން ވިއްކުމުގައި ހަރަކާތްތެރިވާ އޭޖެންޓެއް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ގޭންގުން ވަނީ ނުވަ ކުޑަކުދިން ވަގަށް ނެގުމަށް ފަހު ވިއްކާލައިފަ އެވެ. (ބީބީސީ)