13 Aug 2016, 11:13
އެމެރިކާ އިން ދިން ޑްރޯން ހަމަލާތަކެއްގައި ޕާކިސްތާން އަދި އަފްޣާނިސްތާނަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަނޑައަޅާފައި ހުންނަ ލީޑަރު ހާފިޒު ސާއިދު ޚާން މަރާލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާން ގޯޑަން ޓުރޯބްރިޖް އިއްޔެ ވިދާޅުވީ، ސައީދު ޚާން މަރާލާފައި ވަނީ އެ ގައުމުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އަފްޣާނިސްތާނުގެ އިރަށް އޮންނަ ނަންގްހަރާރުގެ އަޗިން އަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ.
ދުނިޔޭގެ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން މިދިޔަ އަހަރު ކަނޑައެޅި ސައީދު ޚާން މަރާލާފައިވާ ކަމަށް އެމެރިކާ އިން ބުނެފައިވާއިރު، އަފްޣާނީސްތާގެ އިންޓެލިޖެންސް އެޖެންސީން މިދިޔަ އަހަރު ވެސް ވަނީ ނަންގްހަރާރަށް ދިން ޑްރޯން ހަމަލާތަކެއްގައި އޭނާ މަރާލާފައިވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އައިއެސް އިން ވަނީ އެ ހަމަލާތަކުގައި އޭނާ ސަލާމަތްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން ސައީދު ޚާން މަރާލާފައިވާކަން އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.