އަންކަރާ (އޮގަސްޓް 13) :އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައިފިއެވެ.

އަންކަރާގައި ހުންނަ ތުރުކީގެ ހައިބަތު ބޮޑު ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ދެގައުމުގެ ގުޅުންތައް ބަދަހި ކުރުމުގެ އިތުރުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުންނެވެ. ނަމަވެސް މިބައްދަލުކުރެއްވުން ކުރިޔަށްދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

އީރާނާއި ތުރުކީއަކީ ސޫރިޔާގެ މައްސަލައިގެ ދެކޮޅުގައި ތިބި ދެގައުމެވެ. އީރާނަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ގައުމަކަށްވާއިރު ތުރުކީއަކީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވާ ގައުމެކެވެ.

ބައްޝާރުގެ ވެރިކަމުގައި ދެމި ހުންނެވުމުގެ މައްސަލާގައި ދެގައުމުގެ ސިޔާސަތުތައް ތަފާތުވިނަމަވެސް ސޫރިޔާގެ އެއްބައިވަންތަކާއި ވަހްދަތާ އަދި ސޫރިޔާގައި ކުރުދީންގެ ދައުލަތެއް އުފެއްދުންފަދަ ކަންކަމުގައި ދެގައުމުގެ ސިޔާސަތުތައް މުޅިން އެއްގޮތެވެ. ޚާއްސަކޮށް ސޫރިޔާ ގެ ވެރިކަމުގެ ނިޒާމު ރޫޅި ކުދިކުދި ދައުލަތްތަކަށް ސޫރިޔާ ބަދަލުވެގެން ދިޔުމަކީ އީރާނުގެ އިތުރުން ތުރުކީގެ ގައުމީ މަސްލަހަތާވެސް ފުށުއަރާ ކަމެކެވެ.

ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ރައީސް އުރުދުޣާން އާއި އީރާނުގެ ޚާރިޖީ ވަޒީރު ތިން ގަޑީއިރުގެ ދިގުމުއްދަތަކަށް ބައްދަލުކުރެއްވިއެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަންތައްތަކާބެހޭ އެއްވެސް މައުލޫމާތެއް އެދެބޭފުޅުންވެސް އަދި އެދެގައުމުގެ ޚާރިޖީ ވުޒާރާތަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އުރުދުޣާން އާ ބައްދަލު ކުރެއްވުމުގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާފައެވެ. މިމަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ދެބޭފުޅުންވެސްވަނީ ސޫރިޔާގެ އެއްބައިވަންތަކާއި ވަހްދަތު ދަމަހައްޓައި ސޫރިޔާ ރޫޅިގެން ދިޔަ ނުދިނުމަށް ދެގައުމުން އެއްބަސްވާކަން ހާމަކުރައްވާފައެވެ.

މި ނޫސްކޮންފަރެންސްގައި އީރާނުގެ ޚާރިޖީ ވަޒީރުވަނީ ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ބަޣާވާތް ނާކާމިޔާބު ކޮށްލިކަމަށްޓަކައި ތުރުކީ ސިފައިންނަށާއި ރައްޔިތުންނަށާ އަދި ތުރުކީ ސަރުކާރަށް އީރާނުގެ ޚާރިޖީ ވަޒީރު މަރްހަބާ ދެންނެވިއެވެ. އީރާނަކީ ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ބަޣާވާތާ ދެކޮޅަށް ތުރުކީއަށް އެއްބާރުލުން ދިނުމުން އީރާނާއި ތުރުކީގެ ގުޅުންތަކުގައި ވަނީ އިތުބާރު އުފެދި ކުރިޔަށްވުރެ ބަދަހިވެފައި ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތަށްފަހު ތުރުކީގެ ސިޔާސަތުތަކަށް ދަނީ ފާހަގަކޮށްލެވޭފަދަ ބަދަލުތަކެއް އަންނަމުންނެވެ. މިގޮތުން ސޫރިޔާގެ މައްސަލާގައި ތުރުކީއާ އެންމެ ބޮޑަށް ޚިޔާލު ތަފާތު ދެގައުމުކަމަށްވާ ރަޝިޔާއާއި އީރާނާއެކު ތުރުކީން ގުޅުންތައް ބަދަހިކުރަން ފަށާފައިވާއިރު ސޫރިޔާގެ މައްސަލާގައި ތުރުކީގެ ފަޅީގައި ތިބި ސައޫދީ އަރަބިޔާއާއި ގަތަރާއެކު މިފަދަ ގާތް ގުޅުންތަކެއް (ބަޣާވާތް ނާކާމިޔާބު ވުމަށްފަހު) ބާއްވަމުން ގެންދާތަން ނުފެންކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޣާވާތް ނާކާމިޔާބު ވުމަށްފަހު އުރުދުޣާން ވަނީ ރަޝިޔާއަށް ވަޑައިގެން ރައީސް ވްލަޑިމިޔަރ ޕޫޓިން އާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ބަދަހި ކުރައްވަން މަސައްކަތް ކުރައްވާފައެވެ. އަދި ބަޣާވާތް ނާކާމިޔާބު ކޮށްލުމަށްޓަކައި ރަޝިޔާއިން ތުރުކީއަށް ފޯރުކޮށްދިން ޖާސޫސީ މައުލޫމާތު ތަކާގުޅިގެންވެސް އުރުދުޣާންވަނީ ރައީސް ޕޫޓިންއަށް ޝުކުރު އަދާކުރައްވާފައެވެ.

އަނެއްކޮޅުން ސޫރިޔާގެ މައްސަލާގައި ތުރުކީގެ ފަޅީގައި ތިބި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ތުރުކީގެ ގުޅުންތައްވަނީ (ބަޣާވާތް ނާކާމިޔާބު ވުމަށްފަހު) ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ މައްޗަށްވަނީ ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތަށް ނުސީދާ ގޮތެއްގައި ހިއްވަރު ދިންކަމުގެ ތުހުމަތު ތުރުކީ ސަރުކާރުން ކޮށްފައެވެ. އަދި އެގައުމުތައް ވަނީ ބަޣާވާތް ނާމިޔާބުވުމުން ތުރުކީއަށް މަރަހްބާ ކިޔުމަށްވެސް ފަސްޖެހިފައެވެ.

މިހުރިހާ ކަންކަމަކާއެކު ސޫރިޔާގެ މައްސަލާގައި ތުރުކީގެންގުޅޭ ސިޔާސަތަށް ބޮޑު ބަދަލެއް އައުމުގެ ކޮޅުމަތި ފެންނަމުންދާކަމަށް ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގެ ހަނގުރާމައިގެ ހުއްޓުވުމުގައި ތުރުކީގެ ބާރާއި ނުފޫޒު ވަރަށް ބޮޑެވެ.

ތުރުކީގެ ސަރަހައްދީ ރޮނގު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކުރިމަތީގައި ބަންދުކޮށްފިނަމަ އެޖަމާއަތްތައް ބަލިކޮށް ސޫރިޔާގެ ހުރިހާ ސަރަހައްދުތަކެއް ސަރުކާރުގެ ބާރުގެ ދަށަށްގެނައުމަކީ ވަރަށް ފަސޭހައިން ސޫރިޔާ ސިފައިން ނަށް ކުރެވިދާނެކަމެކެވެ. ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ބޭނުންވާ ހަތިޔާރާއި އެނޫންވެސް ސަޕްލައިތައް އަންނަނީ ތުރުކީގެ މަގުންނެވެ.

މިކަން ތުރުކީން ހުއްޓުވައިފިނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ހަނގުރާމައިގެ މައިދާނުގައި އިނދަޖެހި ސޫރިޔާގެ ހަނގުރާމަ ހުއްޓުމަށް މަގުފަހުވެގެންދާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)