13 Aug 2016, 10:06
މަންބިޖު (އޮގަސްޓް 13): އިސްލާމިކް ސްޓޭޓުން ހިސާރުކޮށްފައި އޮތް ސީރިއާގެ އުތުރުގައި އޮންނަ މަންބިޖުން އެޖަމާތުގެ ހަނގުރާމަވެރިން ފޮނުވާލައިފި ކަމަށް ސީރިއަން ޑިމޮކްރަޓިކް ފޯސެސް (އެސްޑީއެފް)އިން ބުނެފި އެވެ.
މަންބިޖުން އައިއެސް ފޮނުވާލުމަށް ޔޫރަޕުގެ ގައުމުތަކުގެ ތާއީދު އޮންނަ އަރަބި އަދި ކުރުދީ ހަނގުރާމަވެރިންގެ ކޯލިޝަނުން 73 ދުވަސްވަންދެން ދިން ހަމަލާތަކުގައި، އައިއެސްއިން "ހިއުމަން ޝީލްޑު"ގެ ގޮތުގައި ބޭނުން ކުރި 2000 އާއްމުން ސަލާމަތްކޮށްފައިވާ ކަމަށް އެސްޑީއެފުން ބުންޏެވެ.

އައިއެސްއިން ހައްޔަރުކޮށްފައި ތިބި އާއްމުންގެ ތެރެއިން މީހަކާއި އެސްޑީއެފްގެ ހަނގުރާމަވެރިއެއް -- ފޮޓޯ: ރޮއިޓާސް
އައިއެސްއިން މީގެ ދެއަހަރު ކުރިން ހިފާފައިވާ މަންބިޖަކީ އެޖަމާއަތުން ޔޫރަޕަށް ދިޔުމަށާއި ހަނގުރާމަވެރިންނާއި ހަތިޔާރު ސީރިއާއަށް ގެނައުމަށާއި ގައުމުން ބޭރަށް ފޮނުވުމަށް ބޭނުން ކުރާ މުހިއްމު މަގުތައް އޮންނަ ޓައުންއެކެވެ. އަދި ހަނގުރާމަ ހޫނުވެފައިވާ ހަލަބަށާއި އައިއެސްގެ ވެރިރަށް ކަމަށް އެޖަމާއަތުން ބުނާ ރައްގާއަށް ދާ މަގުވެސް އޮންނަނީ މަންބިޖުގަ އެވެ.
"މަންބިޖުން އައިއެސް ފޮނުވާލުމުން އެމީހުންނަށް ފަސޭހަ ކަމާއެކު ޔޫރަޕަށް އައިސް ގޮސް ނެހެދޭނެ،" ސީރިއާގެ ކުރުދީންގެ ލީޑަރު ސާލިހް މުސްލިމް ވިދާޅުވި އެވެ.
އެސްޑީއެފް ކޯލިޝަންގައި ބާރުގަދަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ކުރުދިޝް ވައިޕީޖީ ހިމެނެ އެވެ. އެސްޑީއެފް ކޯލިޝަނަށް އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ވާގިވެރިވެ އެވެ.
ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މަންބިޖުގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ބައެއް އާއްމުންނާއެކު ސީރިއާގެ އިރުއުތުރުގައި އޮންނަ ޖަރާބުލުސްއަށް މިސްރާބު ޖަހާފަ އެވެ. ތުރުކީ ބޯޑަރު ކައިރީގައި އޮންނަ ޖަރާބުލުސް އަކީ އައިއެސްގެ ބާރުގެ ދަށުގައި އޮތް ޓައުން އެކެވެ. (ބީބީސީ)