ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަތުން މޮޅުވެ، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އިން ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒޯން ހަތަރެއްގައި ވާދަކުރަނީ ހަމައެކަނި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑެވެ. އެހެންކަމުން ފުރަތަމަ ދެ މެޗުން މޮޅުވާ ޓީމަކަށް އެ ޒޯނުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. ޒޯން ހަތަރެއްގައި ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ސަން އައިލެންޑެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ސަން އައިލެންޑުން ހޯދާފައިވާ މިއަދު ހަވީރު ހޮލިޑޭ އައިލެންޑާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ސަން އައިލެންޑް ގެންދިޔައީ 18-25، 11-25 އަދި 15-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަން އައިލެންޑްގެ އަހްމަދު މުހައްމަދެވެ.

ޒޯން ހަތަރެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމަށް ހޮވިފައިވަނީ ވެސް ސަން އައިލެންޑުގެ ހަ ކުޅުންތެރިއެކެވެ. އެއީ އެ ޓީމުގެ އަހްމަދު މުހައްމަދާއި، އަހްމަދު ފާޒިލް އާއި، އާދަމް ފައިރޫޒް އާއި، އިބްރާހިމް އާދިލް އާއި އަހްމަދު މުހައްމަދު އަދި އަހްމަދު ނިޝާލް އެވެ.

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގައި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ޒޯން ހަތަރެއްގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ސަން އައިލެންޑުން ވަނީ އެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ: ވީއޭއެމް

ޒޯން އެކެއްގައި އިއްޔެ ބޮޑުހިތި މޯލްޑިވްސް އަތުން ޝެރެޓަން މޯލްޑިވްސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ބޮޑުހިތިން ގެންދިޔައީ 21-25، 20-25 އަދު 21-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޝެރެޓަންގެ އަކްމަލް އިބްރާހިމް އެވެ.

ޒޯން އެކެއްގައި އިއްޔެ ކުރުނބާ މޯލްޑިވްސް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވަން އެންޑް އޮންލީ ރީތިރަށް ވަނީ މޮޅުވެފަ އެވެ. ރީތިރަށް ރިސޯޓުން މެޗުގެ ސެޓުތައް ގެންދިޔައީ 11-25، 18-25 އަދި 11-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތިރަށް ރިސޯޓުގެ އަލީ ހުޒާމް އެވެ.

އެ މުބާރާތުގައި ޒޯން ފަހެއްގެ މެޗެއް ވެސް އިއްޔެ ކުރިއަށްދިޔަ އެވެ. ޒޯން ފަހެއްގައި ޑުސިޓް ތާނީ މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު މެޗުން ލަނޑާ ގިރާވަރު ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ލަނޑާ ގިރާވަރުން ގެންގޮސްފައިވަނީ 26-24، 25-20 އަދި 25-21 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަނޑާ ގިރާވަރުގެ ޝައްދާދު ޒަކީ އެވެ.