13 Aug 2016, 09:59
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 24 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗު ޑޭވިޑް ބާސްކެޓްބޯލް ކްލަބުން ކާމިޔާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މެޗުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބު އަތުން ޑޭވިޑް ބާސްކެޓްބޯލް ކްލަބު މޮޅުވީ 32-43 ޕޮއިންޓުންނެވެ.
އެ މެޗުގައި ޑޭވިޑް ބާސްކެޓްބޯލް ކްލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 14 ޕޮއިންޓް ހޯދައިދިން ނަޝްފާ އާމިރާ އެވެ. ސައިކްލޯން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 11 ޕޮއިންޓް ހޯދައިދިން ރާއިފާ އިބްރާހީމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑޭވިޑް ބީސީގެ އައިމިނަތު ޝިއުރާ އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ޖުމްލަ ތިން ޓީމެކެވެ. އެއީ ޑޭވިޑް ބީސީ އާއި، ސައިކްލޯން ބީސީ އަދި ޔޫތު ސްޕޯޓްސް އެވެ. ލީގު އުސޫލުން ކުޅުމަށް ފަހު، އަންހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. އެ ޑިވިޝަނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.