13 Aug 2016, 10:01
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 24 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި އެންމެ ފަހުގެ ރަނަރަޕް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗު ޓީރެކްސް ބީސީން ކާމިޔާބުކުރީ ޔޫތު އެކްޓިވިޓީ އެސޯސިއޭޝަންއާ ދެކޮޅަށް ކުޅެ 107-43 ޕޮއިންޓުންނެވެ.
އެ މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 21 ޕޮއިންޓް ހޯދައިދިން ޒަކަރިއްޔާ އަބްދުލް ލަތީފެވެ. ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 12 ޕޮއިންޓް ހޯދައިދިން އާސިފް އިބްރާހީމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ އަހްމަދު ޒަބީރެވެ.
އެ މުބާރާތުގައި އިއްޔެ ދިވެހި ސިފައިންގެ ކްލަބު އަތުން އެލްޓީ ސްޕޯޓްސް ކްލަބު ވަނީ މޮޅުވެފަ އެވެ. އެ މެޗު އެލްޓީ ސްޕޯޓްސް ކްލަބު ކާމިޔާބުކޮށްފައިވަނީ 52-71 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލްޓީ އަށް 23 ޕޮއިންޓް ހޯދައިދިން މުހައްމަދު ހަސަން އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ ދިހަ ޓީމެއް ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ޓީރެކްސް ބީސީ އާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި، ސްޓިންގާސް ބީސީ އާއި، އެލްޓީ އެސްސީ އަދި ޔޫތު އެކްޓިވިޓީ އެސޯސިއޭޝަނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ރެޑްލައިން ކްލަބާއި، ހަރިކޭން ބީސީ އާއި، ދަ ބައުސް އެސްސީ އާއި، ވިޔަންސާ އަދި ސައިކްލޯން ބީސީ އެވެ.
މި މަހުގެ 11 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މި މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.