އާޖެންޓީނާ ގައުމީ ޓީމަށް އަލުން ކުޅެން ލިއޮނެލް މެސީ އެއްބަސްވެއްޖެ އެވެ.

މި އަހަރު އެމެރިކާގައި ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން އިއުލާންކޮށްފައިވެ އެވެ. އެއީ ކޮޕާ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ޗިލީ އަތުން އާޖެންޓީނާ ބަލިވި ދެ ވަނަ ފަހަރެވެ.

މެސީގެ ނިންމުން ބަދަލުކޮށްފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު އެޑްގާޑޯ ބައުޒާ މެސީއާ މަޝްވަރާކޮށްފައި ވަނިކޮށެވެ. މެސީއާ މަޝްވަރާކޮށް އޭނާގެ ނިންމުން ބަދަލުކުރުމަށް ބައުޒާ، ސްޕެއިން އަށް ގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

"އަހަރެންނަށް އެނގޭ މިހާރު ވެސް އާޖެންޓީނާގެ ފުޓްބޯޅައިގައި ގިނަ މައްސަލަތަކެއް ހުރިކަން. އިތުރު މައްސަލައެއް އަހަރެންނާ ހެދި ކުރިމަތިވާކަށް ބޭނުމެއް ނޫން. އާޖެންޓީނާގެ ފުޓްބޯޅަ އަށް އަހަރެން ދެރައެއް ދޭކަށް ބޭނުމެއް ނޫން. އަހަރެން މިހާރު ބޭނުންވަނީ އެނބުރި ޓީމާ ގުޅި އަހަރެންނަށް ކުރެވެން ހުރި މަސައްކަތެއް ކުރަން،" ގައުމީ ޓީމާ އަލުން ގުޅެން ނިންމިކަން އިއުލާން ކުރުމަށް މިއަދު މެސީ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެސީ ބުނީ، އާޖެންޓީނާ ފުޓްބޯޅައިގައި ބައިވަރު ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެކަމަކު އޭނާ އެކަން ކުރަން ބޭނުންވަނީ ފާޑުނުކިޔައި ޓީމުގެ ތެރެއިން ކަމަށެވެ.

"ޗިލީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އަހަރެންގެ ބޮލު ތެރޭގައި ގިނަ ކަންތައްތަކެއް އެކުލެވުނު. އަދި އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވިސްނުނު. އެކަމަކު އަހަރެން ގައުމު ދެކެ ލޯބިވޭ. އަދި ގައުމީ ޖާޒީ ދެކެ ވެސް ވަރަށް ލޯބިވޭ،" އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.