28 May 2011, 12:25
އދ. މާމިގިލީ ވިލާ އެއާޕޯޓްގެ މުވައްޒަފުން ތިބޭ ބައިގައި އަލިފާން ރޯވެ ހުރިހާ ގެތަކެއް އަނދައި ހުލިވެއްޖެ އެވެ.
އެހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މާމިގިލީ ވިލާ ސައިޓްގެ މެނޭޖަރު މަހުމޫދު އަލީ މިއަދު ވިދާޅުވީ މިއަދު 11:45 ހާކަންހާއިރު ރޯވީ، ވިލާ ސައިޓްގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން ތިބޭ ގެތަކުގައި ކަމަށެވެ. ޓިނާއި ފުލައިވުޑުން ހަދާފައި ހުރި ހަތަރު ވަރަކަށް ގޭގައި ރޯވާން ދިމާވީ ބަދިގޭގައި އެއްޗެއް ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ވެސް މަހުމޫދު ވިދާޅުވި އެވެ.
އަލިފާނުގެ އެ ހާދިސާގައި މިލިއަނެއް ހާ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެއާޕޯޓްގެ މަސައްކަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މަހުމޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. ބޭނުން ނުކުރެވޭ ވަރަށް ހުރިހާ އެއްޗެއް ވަނީ ހަލާކުވެފައި. ހަމަގައިމު ވެސް ކަރަންޓް ސޯޓެއް ވެގެން ނުހިނގާނެ އެކަހަލަ ކަމެއް. ބޮޑަށް ހީވަނީ ރެސްޓް ގަޑި ވީމަ ކޮންމެ ވެސް އެކަކު ބަދިގެ އަށް ވަދެ އުނދުން ޖައްސާފައި ހުރީމަ ވީ ކަމެއްހެން،" މަހުމޫދު ވިދާޅުވި އެވެ.
މާމިގިލީ އިރުމަތީ ފަރާތު އަޅާފައި ހުރި އެގެތަކުގައި ގިނައިން އުޅޭނީ ބިދޭސީން ކަމަށް މަހުމޫދު ވިދާޅުވި އެވެ. އަދި ރޯވި ތަނަކީ އެއާޕޯޓާ ކައިރީގައި ހުރި ތަނެއް ނަމަވެސް އަލިފާނުގެ އަސަރު އެއާޕޯޓަށް ނުކުރާ ކަމަށް ވެސް މަހުމޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާން ނިއްވާލެވުނީ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ފަހުން ވަރަށް ގަދަ އަށް ފެންޖަހައިގެން ކަމަށެވެ.