13 Aug 2016, 01:58
އަނިޔާ ލިބެމުންދާ މީހަކު އެމީހަކަށް ލިބެމުންދާ އަނިޔާގެ ވާހަކަ ދެއްކުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫންކަމަށް އެމްޑީޕީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 12 އަދި 13 ފާހަގަކުރުމަށް އިދިކޮޅު އިއްތިހާދުން މިރޭ އެމްޑީޕީ ހަރުގޭގައި 'އަބުރު' ގެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖީދު ވިދާޅުވީ އަނިޔާ ލިބޭ މީހުން އެބައި މީހުންނަށް ލިބޭ އަނިޔާގެ ވާހަކަ ދައްކައި އެކަމުގެ ޝުއޫރު ފާޅުކުރުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ނޫންކަމަށް ކީރިތި ޤުރުއާނުން އެނގެން އޮންނަ ކަމަށެވެ.
"އަނިޔާ ލިބޭ މީހުން އަނިޔާގެ ވާހަކަ ދައްކަން އެބަޖެހޭ. ދިވެހި ރައްޔިތުން މިދައްކާ ވާހަކައަކީ އެބައިމީހުންނަށް ލިބޭ އަނިޔާގެ ވާހަކަ. އެބައިމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާއިން ދައުލަތަށް ދައްކާ ޓެކުހަށް ހިޔާނާތްތެރިވެފައިވާ ވާހަކަ. އެވާހަކަ ދިވެހި ރައްޔިތުން އަދިވެސް ދައްކާނެ." އަބްދުލް މަޖީދު އަބްދުލް ބާރީ ވިދަޅުވި އެވެ.

އޮގަސްޓް 12 އަދި 13 ފާހަގަކުރުމަށް އިދިކޮޅު އިއްތިހާދުން މިރޭ އެމްޑީޕީ ހަރުގޭގައި 'އަބުރު' ގެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއިން --- ފޮޓޯ//މުހައްމަދު އަފްރާހް
ނުބައި އަމަލުތައް ހިންގާ މީހުންގެ ވާހަކަ ދެއްކުމަކީ ގޯސްކަމެއް ނަމަ ކީރިތި ޤުރުއާނުގައި އެވާހަކަ އައިސްފައި ނުވީސް ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކީރިތި ޤުރުއާނުގައި ނަމުން ނަން ގަނެވި އެތައް ބައެއްގެ ވާހަަކަ ގެނެވިފައިވާ ކަމަށެވެ. އެހެންވީމާ އަނިޔާވެރިންގެ ނަން ގަނެފަ އެވާހަކަ ދެއްކުމަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން އެނގިގެންދާކަމަށް މަޖީދު ވިދާޅުވި އެވެ.
މީހެއްގެ ނުބައިކަން އެހެން މީހުންނަށް އަންގައި ދިނުމުގެ ގޮތުން އަދި ބައެއްގެ ކަމަކާ ހަވާލުވެގެން ހުންނަ މީހަކު އެބައެއްގެ ހައްގުތައް ނިގުޅައިގަންނަމުން ދާނަމަ އެވާހަކަ ދައްކަން ޖެހޭ ކަމަށް މަޖީދު ވަނީ ވިދާޅުވެފަ އެވެ.
"މީހުންގެ މުދާތައް ފޭރޭކަމުގައި ވާނަމަ އެވާހަކަ ދައްކަން އެބަޖެހޭ" ކަމަށް މަޖީދު ވަނީ ވިދާޅުވެފަ އެވެ. އެއީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަމަށާއި އިސްލާމް ދީނުގައިވެސް އެބާވަތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް މަޖީދު ވަނީ ވިދާޅުވެފަ އެވެ.