13 Aug 2016, 09:55
ޓީވީ އަދި ބޮލީވުޑު އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އާއި ޓީވީ އެކްޓްރެސް އަންކިތާ ލޮކަންޑޭގެ ހަ އަހަރުވީ ގުޅުން ނިމުމަކަށް އައުން ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވި ހަބަރަކަށެވެ.
ޒީޓީވީން ގެނެސްދިން "ޕަވިތުރަ ރިޝްތާ އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޖޯޑު ވަކިވީ ކައިވެންޏަށް ވެސް ތައްޔާރުވުމަށް ފަހު އެވެ.
ވަރަށް ކުއްލި ގޮތަކަށް ދެމީހުން ވަކިވި ނަމަވެސް، ދެމީހުން ވަކިވި ސަބަބު ހާމަކޮށްފަ އެއް ނުވެ އެވެ. ދެމީހުން ވަކިވާން ޖެހުނީ އަންކިތާގެ ގައިގައި ހުންނަ "ދަށުކުރުމުގެ" ސިފައެއްގެ ސަބަބުން ކަމަށް އެއް ބަޔަކު ބުނާ އިރު އަނެއް ބަޔަކު ބުނަނީ ދެމީހުންގެ އުފާވެރި ގުޅުން ހަލާކުވީ ސުޝާންތު ބޮލީވުޑަށް ނުކުމެ ކުރިއަރައިގެންދިއުމުން ކަމަށެވެ.
އޭގެ ފަހުން މިހާތަނަށް ވެސް ސުޝާންތު އާއި ބޮލީވުޑުގެ އެހެން ބައެއް ފަންނާނުންނާއި ގުޅުވައިގެން ވާހަކަތައް ދެކެވެ އެވެ. އޭގެ ތެރޭގައި ކްރިތީ ސަނޯން އަދި ޕަރިނީތީ ޗޯޕްޅާ ފާހަގަކޮށްލެވެ އެވެ.
ނަމަވެސް އެ ވާހަކަތައް ސުޝާންތު ވަނީ ދޮގުކޮށްފަ އެވެ. އަދި އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް އޭނާ އިންކާރު ކުރެ އެވެ.
ސުޝާންތުގެ ކުރިއަށް އޮތް ފިލްމު، "އެމް.އެސް ދޯނީ - ދަ އަންޓޯލްޑް ސްޓޯރީ" ގެ ޓްރެއިލަރ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ވެސް ނޫސްވެރިން ވަނީ ސުޝާންތުގެ އަމިއްލަ ދިރިއުޅުމާއި ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކޮށްފަ އެވެ.
އެގޮތުން ސުޝާންތު ކައިވެނި ކުރާނެ ދުވަހާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އިންނާނެ ރަނގަޅު ކުއްޖަކު ބޭނުންވާ ކަމަށެވެ.
"ފުރަތަމަ ޖެހޭނީ އިންނާނެ ކުއްޖަކު ހޯދަން. އޭގެ ފަހުން ކައިވެނި ކުރެވޭނީ،" ސުޝާންތު ބުންޏެވެ.
ކައިވެނީގެ ވާހަކަ އާއެކު އަނެއްކާ ވެސް ސުޝާންތު މިވަނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.