13 Aug 2016, 10:00
ލައިވް އިވެޓްތަކާއި ހަބަރުތައް ކަވަރު ކުރުމުގައި 'އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ' ގާނޫނަށް ސަމާލުކަން ދިނުމަށް ބްރޯޑް ކާސްޓަރުންނަށް ފަރާތްތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބްރޯޑް ކޮމް އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަބުރުގެ ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި އެ ޤާނޫނާ އެއްގޮތް ވާ ގޮތުގެ މަތިން އަމަލުކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި "ޚާއްސަ ގޮތެއްގައި ލައިވް އިވެންޓް ބްރޯޑްކާސްޓްކުރުމުގައި އަދި ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި "އަބުރުގެ ގާނޫނަށް ސަމާލުވުމަށް ބްރޯޑް ކޮމްއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އޭގެ އިތުރުން ބްރޯޑްކޮމްގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ނުވާގޮތަށް ކަންކަން ކުރުމަށް ބްރޯޑް ކާސްޓަރުންނަށ ބްރޯޑްކޮމްއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި ” މުޒާހަރާ އާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން” އަށް ސަމާލުވުމަށް ވެސް ބްރޯޑް ކާސްޓަރުންނަށް ވަނީ އިލްތިމާސްކޮސްފަ އެވެ.
'އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ' ގާނޫނު ރައީސް ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވާފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެގާނޫނާ ހިލާފުވާ ކޮންޓެންޓެއް އެއްވެސް ޓީވީއަކުން ލައިވް ކުރާނަމަ ނުވަތަ ދައްކާނަމަ އެޓީވީއެއްގެ ލައިސަންސް ސަސްޕެންޑް ކުރުމުގެ ބާރު ނުވަތަ ބާތިލު ކުރުމުގެ ބާރު މީޑިއާތަކުގެ ބެލެނިވެރި ފަރާތައް ވަނީ ދީފަ އެވެ.
ނަމަވެސް ގާނޫނުގައި ބުނާ މީޑިއާ ތަކުގެ ބެލެނިވެރި ފަރާތަކީ ކޮބާކަމެއް ނޭންގެ އެެވެ.