އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ވިކްޓަރީއާއި ޔޫވީ މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ ނަތީޖާއާ އެކު ލީގު ތާވަލަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު 12 މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައި ޔޫވީ އޮތް އިރު، ވިކްޓަރީ އޮތީ ކުޅުނު 12 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ވެސް ޓީސީއާ އެއްވަރަށް 23 ޕޮއިންޓް ލިބިފައިވާ އިރު، ޓީސީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތުން ޓީސީ ކުރީގައި އޮތް ނަމަވެސް، އީގަލްސް އަށްވުރެ އިތުރަށް އެއް މެޗު ޓީސީން ކުޅެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ރިޝްވާން ނަގައިދިން ހުރަހަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވިކްޓަރީގެ ބިދޭސީ ފޯވަޑް އޮމޮދޫ ގްޑްފްރޭ ވެސްޓް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޔޫވީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހުސައިން ޝުއައިބުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔޫވީގެ ކެރިޗް އަންދްރެޖް އުފެއްދި ހަމަލާ، ވިކްޓަރީގެ ކުޅުންތެރިއެއް ގައިގައި ޖެހި ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ. އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔޫވީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް އުފެއްދި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުތުމާއެކު ލިބުނު ރީބައުންސް ބޯޅަ، އެއްވެސް އުނދަގުލެއް ނެތި ރިލޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޝިފާޒް އާދިލް ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވެސްޓް އުފެއްދި ހަމަލާ، ކީޕަރު މަހްމޫދު އަލީ ޔޫސުފް ވަނީ މަތަކޮށްފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ޔޫވީ އަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ޔޫވީގެ ކެޕްޓަން ހުސައިން ޝިމާޒް (ކޮކީ) އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ މަތަކޮށްފައެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ކްލަބު އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާއެވެ.