އައްޑޫ ލިންކް ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި ސައިކަލު ދުއްވަން އިން 15 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 8:15 އެހާކަންހާއިރު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 15 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގީ ލިންކު ރޯޑުގެ ދަނާލާ ދިމާލުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ މިރޭ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓު ގައި ޒަހަމްވި ކުއްޖާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އޭނާގެ ފައިގެ ދެތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިހާރު އެކްސްރޭ ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.