12 Aug 2016, 20:08
އޮގަސްޓު 12، 13 ފާހަގަކުރުމުގެ ގޮތުން މިރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބާއްވާ އެއްވުން މަގުމަތީގައި ހިނގާ އުޅޭ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާގޮތަށް ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިރޭ އެމްޑީޕީ އަށް ފޮނުވި އެސްއެމްއެސްއެއްގައި ބުނެފައި ވަނީ މިރޭ 9:00 އިން 12:00 އަށް އެމްޑީޕީ ހަރުގެ ކުރިމަތީގައި ބާއްވާ އެއްވުމުގެ ނޯޓިސް އެޕާޓީން ވަނީ ފޮނުވާފައި ކަމަށެވެ.
އެހެންކަމުން މަގުމަތީގައި ހިނގައި އުޅޭ އާންމު ރައްޔިތުންނާއި އަދި އެއްވެސް މަގަކަށް ދަތިނުވާގޮތަށް އެއްވުން ބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ފުލުހުން މިރޭ އެފަދަ އިލްތިމާސެއް ކޮށްފައި ވަނީ ގައުމީ ފެންވަރުގައި ހިންގާ ހަރަކާތްތަކާއި ސަރުކާރުގެ ރަސްމީ ދުވަސްތައް ފާހަގަކުރަން ނޫންގޮތަކަށް މަގުމަތީގެ ހަރަކާތްތަކަށް ފުރުސަތު ނުދޭނެކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ހަމްދޫން ވިދާޅުވީ ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ރައްޔިތުންނަށް އަމާން ވެށްޓެއް ކަށަވަރުކޮށްދީ، ދިރިއުޅުމާއި ދަތުރު ފަތުރުގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާއި އެހެނިހެންވެސް ޤާނޫނުތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.