އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ކުއާޓާ ފައިނަލުން ދަތުރުކުރި ޓީމުތައް ކަށަވަރުވެފައިވަނީ މިއަދު ހެނދުނާއި ހަވީރު ކުޅުނު އެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ދިރާގު

އެ މުބާރާތުގެ ގްރޫޕް އޭގެ އެއް ވަނައިގެ ގޮތުގައި އަމީރު އަހްމަދު ޕްރީސްކޫލް ކުއާޓާ އިން ޖާގަ ހޯދި އިރު، އެ ގްރޫޕުގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދާފައިވަނީ އަހްމަދުމަދިއްޔާ ޕްރީސްކޫލެވެ. ގްރޫޕް ބީގެ އެއް ވަނައިގެ ގޮތުގައި ކިންޑާ ޕްރީސްކޫލުން ޖާގަ ހޯދި އިރު، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދާފައިވަނީ ކިންގަރޫ ކިޑްސް ޕްރީސްކޫލެވެ.

ގްރޫޕް ސީގެ އެއް ވަނައިގެ ގޮތުގައި ގަލޮޅު މަދަރުސާ ޖާގަ ހޯދި އިރު، އެ ގްރޫޕުގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދާފައިވަނީ އެކްސެލް އިންޓަނޭޝަނަލް ސްކޫލެވެ. ގްރޫޕް ޑީގެ އެއް ވަނައިގެ ގޮތުގައި ފަލާހް ޕްރީސްކޫލް ކުއާޓާ އިން ޖާގަ ހޯދި އިރު، އެ ގްރޫޕުގެ ދެ ވަނައިގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދާފައިވަނީ މާފަންނު މަދަރުސާ އެވެ.

އެ މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ސްޓޭޖުގެ ފަސް މެޗު ކުރިއަށްދިޔަ އެވެ. ލިޓަލް ޖެމްސް ޕްރީސްކޫލްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ލަނޑުން އަމީރު އަހްމަދު ޕްރީސްކޫލް މޮޅުވި އިރު، އެންލައިޓަން ކިޑްސް އަތުން އަހްމަދިއްޔާ ޕްރީސްކޫލް މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ދިރާގު

ކިންގަރޫ ކިޑްސް ޕްރީސްކޫލާ ދެކޮޅަށް ކުޅުނު މެޗު 3-0 ލަނޑުން ކިންޑާ ޕްރީސްކޫލް ކާމިޔާބުކުރި އިރު، ޝެއިހް އަބްދުލްރަޝީދު ޕްރީސްކޫލް އަތުން ގަލޮޅު މަދަރުސާ މޮޅުވެފައިވަނީ 6-0 ލަނޑުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން މާފަންނު މަދަރުސާ އަތުން ފަލާހް ޕްރީސްކޫލް މޮޅުވެފައިވަނީ 5-3 ލަނޑުންނެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ފައިނަލް މެޗު ވެސް މާދަމާ ކުރިއަށްދާނެ އެވެ. މުބާރާތުގެ ކުއާޓާގެ މެޗުތައް މާދަމާ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ މެޗުތަކާއި ފައިނަލް މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

މާދަމާ ހެނދުނު ކުޅޭ ކުއާޓާގެ ފުރަތަމަ މެޗުގައި އަމީރު އަހްމަދު ޕްރީސްކޫލާއި ކިންގަރޫ ކިޑްސް ޕްރީސްކޫލް ބައްދަލުކުރާ އިރު، ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިންޑާ ޕްރީސްކޫލާއި އަހްމަދިއްޔާ ޕްރީސްކޫލެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި ގަލޮޅު މަދަރުސާ އާއި މާފަންނު މަދަރުސާ ބައްދަލުކުރާ އިރު، ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ފަލާހް ޕްރީސްކޫލާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލެވެ.