އިސްލާމް ދީނުގައި ނަހީކޮށްފައިވާ ޖަރީމާތައް ހިންގާ ފަރާތްތަކަށް ދީނުގައި ދޭން ކަނޑައަޅާފައި އޮންނަ އަދަބެއް ދިނުމަށް ދީނީ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަނުން ގޮވާލައިފި އެވެ.

މިކަމަށް ގޮވާލައި އެ ޖަމިއްޔާ އިން މިއަދު ނެރެފައިވާ ބަޔާނެގައި ބުނެފައި ވަނީ، ފަހަކަށް އައިސް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ބޮޑެތި ކުށްތަކަށް އަރައިގަތުން ރާއްޖޭގައި އާއްމު ވަމުން އަންނަ މައްސަލައާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތައް ހިންފާ ފަރާތްތައް ކުށްވެރިކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

"މިހާރަކަށް އައިސް ވިހެއުމަށް ފަހު މަރާލާފައި، ނުވަތަ އެއްލާލާފައިވާ ތުއްތު ކުދިން ގިނަ އަދަދަކަށް ފެންނަމުން ދިއުމާއި، ކުޑަކުދިންނަށް އާއިލާ ތެރެއިންނާއި ބޭރުން ކުރެވެމުންދާ ޖިންސީ ގޯނާތަކާއި އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަތުން ގިނަ ވުމާއި މާރާމާރީ އާއި މީހުން މެރުން އާއްމުވަމުން އަންނަ ކަމީ، ކަން ބޮޑުވެ އެފަދަ ޖަރީމާތައް ކުށްވެރިކުރާ ހާލު އެކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ." އިސްލާމިކް ފައުންޑޭޝަންގެ ބަޔާނުގައިވެ އެވެ.

އެޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ނުބައިވެގެންވާ ބޮޑެތި ކުށްތައް މުޖުތަމައުގައި އާއްމުވާން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކުށް ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ އުގޫބާތް ނުދިނުމާއި ކުށްވެރިންނަށް ކަނޑައެޅޭ ހުކުމްތައް ތަންފީޒު ނުކުރެވުމާއި، ބޮޑެތި ކުށްތައް ކުރިކަން ސާބިތު ވެގެން ބަންދުގައި ތިބޭ މީހުން ވީއްލިގެން އުޅުން ހިމެނޭ ކަމަށެވެ. އަދި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ ކުށްތައް އިތުރުވާން މެދުވެރި ކުރުވާ ސަބަބުތަކުގެ ތެރޭގައި އޮރިޔާން ކާޑު އާއްމުވުން ހިމެނޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

"އެހެންކަމުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް މި ޖަމްއިއްޔާ އިން ގޮވާލަނީ ބަދުއަހްލާގީ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތަށް ބަންދު ކޮށްފައި ބެހެއްޓުމަށެވެ. އަދި ބެލެނިވެރިންނަށް ގޮވާލަނީ އެބައި މީހުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިންނާ މެދު ރައްކާތެރި ވުމަށާއި، ޖިންސީގޯނާ ކުރުމުގެ ރެކޯޑް އޮންނަ މީހުންނާއި، ހާއްސަކޮށް އަންހެން ކުދިން ބެލެނިވެރިޔަކާއެކުގައި މެނުވީ ތަންތަނަށް ނުފޮނުވުމަށެވެ." އިސްލާމިކް ފައުންޑޭޝަންގެ ބަޔާނުގައިވެ އެވެ.