12 Aug 2016, 19:42
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ބީޖީ ސްޕޯޓްސް ބަލިކޮށް، ޓީސީ ސްޕޯޓްސް އިން ލީގުގެ ދެވަނަ އަށް ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ މޮޅުވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު 12 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލީގުގެ ދެވަނަ އަށް ޓީސީ ޖެހިލި އިރު، މެޗުން ބަލިވި ބީޖީ އޮތީ ކުޅުނު 12 މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ. ލީގުގެ ތިން ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ވެސް ޓީސީއާ އެއްވަރަށް 23 ޕޮއިންޓް ލިބިފައިވާ އިރު، ޓީސީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތުން ޓީސީ ކުރީގައި އޮތް ނަމަވެސް، އީގަލްސް އަށްވުރެ އިތުރަށް އެއް މެޗު ޓީސީން ކުޅެފައިވެ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް މިއަދު ހަވީރު ބައްދަލުކުރި މެޗުގެ ތެރެއިން ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި މޮޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް ވަހީދު ހަސަން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭނާ އުފެއްދި އެ ހަމަލާ، ބީޖީގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޓީސީ އަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު މުހައްމަދު ނިޒާމް ދިފާއުކުރަން ފޮނުވާލި ބޯޅަ، ޓީސީގެ އަލީ ނާފިއު ފައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޝަމްވީލް ގާސިމް (ބޮންޑާ) ފޮނުވާލި ހަމަލާ، ކީޕަރު ސާގިބު މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑަކީ ބީޖީގެ ކެޕްޓަން ޑެނިއެލް ފިލެމޮން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސެންޓޭ ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެނިއަލް އަށް ބޯޅަ ފޮނުވާލެވުނީ އަމިއްލަ ޓީމުގެ ގޯލުގެ ތެރެއަށެވެ.
އޭގެ މިނެޓެއް ފަހުން ޓީސީ އަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ސެންޓޭ ދިން ބޯޅައަކުން އަހްމަދު ޒިއާން މުހައްމަދު ފޮނުވާލި ބާރު ހަމަލާ، ބީޖީގެ ކީޕަރު ހަނީފް ސާގިބް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއްޖަހައި، ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ބިދޭސީ ޑިފެންޑަރު ކުދުސް ކެލާނީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ މިނެޓެއް ފަހުން ބީޖީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭ ބީޖީން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ބީޖީން އެ ލަނޑު ކާމިޔާބުކޮށްފައިވަނީ އަނިޔާވެގެން ދެ ކުޅުންތެރިޔަކު މަދުކޮށް ޓީސީން ކުޅެމުންދިޔަ ވަގުތެއްގައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ޑޭވިޑް އޮސަގިއޭ އަޑެލެކޭ އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.