12 Aug 2016, 16:26
ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހިންގަމުންދާ ކުންފުންޏެއްގައި ވަޒީފާ އަދާކުރި މީހަކު ޑޮކްޓަރަށް ނުދައްކައި ފޭކް އެމްސީ ހުށަހަޅައިގެން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.
ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް އެމައްސަލަ ހުށަހެޅީ ވަޒީފާއިން ވަކިވި ފަރާތުންނެވެ. އެފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އޭނޭ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެގޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަކިކުރި މުއްދަތުން ފެށިގެން ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށް އެދި އެވެ.
އެމައްސަލަ ނިންމައި ޓްރިބިއުނަލުން އިއްޔެ ކުރި އަމުރުގައި ބުނެފައިވަނީ 22 ނޮވެމްބަރު 2015 އިން 17 ފެބުރުއަރީ 2016 އާއި ދެމެދު ތަފާތު 12 ފަހަރު މަތިން ސަލާމުގެ ޗުއްޓީ ނެގުމުގައި އޭނާ މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިވާ ކަަމަށެވެ.
ނަމަވެސް ގއ އަތޮޅު ހޮސްޕިޓަލުގެ ނަމުގައި ހުށަހަޅާފައިވާ އެމްސީތަކަކީ ފޭކް ނުވަތަ ވަގު އެމްސީ ތަކެއްކަން ދައުވާ ރައްދުވާ ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓުން ސާބިތުކޮށްދީފައިވާ ކަމަށް ޓްރިބިއުނަލުގެ ނިންމުމުގައިވެ އެވެ.
އެގޮތަށް ހިންގާ އަމަލުތަކަކީ މުވައްޒަފުންގެ އަހުލާގާ އެކަށީގެންނުވާ ފަދަ އަމަލުތަކެއްކަމަަށް ވެސް ޓްރިބިއުނަލުގެ ނިންމުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ޓްރިބިއުނަލުން ވަނީ ނިންމާފަ އެވެ.