12 Aug 2016, 15:49
ފުލުހުން ބަލަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ކޭޝިއަރު ރޭ ފަތިހުގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭތީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޗީފް ކޭޝިއަރު ރޭ ފަތިހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ އުމުރަކީ 37 އަހަރު ކަމަށް ފުލުހުން ބުނެ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރު ކުރީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޗީފް ކޭޝިއަރު މުސްތަފާ ނިޒާރު އެވެ. އަދި ފުލުހުން ބަލަމުންދަނީ އެ ރިސޯޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއްކަން އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުން ހިނގާ ދިޔަ ވައްކަމެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ ބޭރުފައިސާވެސް ވަނީ ގެއްލިފަ އެވެ.