13 Aug 2016, 10:36
ފިހާރައަކަށް ވަދެފި ނަމަ އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ އެކަށްޗަކަށްވެފައި ވަނީ އެފިހާރާގައި ވިއްކާ ސިނގިރޭޓެވެ. ކެފޭ، ރެސްޓޯރެންޓްތަކުގެ ހާލަކީ ވެސް އެއީ އެވެ. އެތަންތަނުން ލިބޭ މީރު ކެއުންތަކާއި ބުއިންތައް ކުރާ އިސްތިހާރަށް ވުރެ ދުންފަތައް ކުރާ އިސްތިހާރު ބޮޑެވެ. ގިނަ އިސްތިހާރުކޮށްފައި ހުންނަނީ ނުގޮތަކަށެވެ.
ދުންފަތް އިސްތިހާރު ކުރުމަކީ އެންމެ ކުރިންސުރެ ވެސް މަނާކަމެކެވެ. އަދި 2010 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ދުންފަތް ކޮންޓުރޯލް ކުރުމުގެ ގާނޫނު ބުނާގޮތުން އެއްވެސް ސިފައެއްގައި ރާއްޖޭގައި ދުންފަތް އިސްތިހާރު ކުރުމަކީ މަނާކަމެކެވެ. އެކަން ކުރާނަމަ ޖޫރިމަނާ ކުރުމާއި ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލްކުރުމުގެ ބާރު ލިބިގެންވެ އެވެ.
ގާނޫނުން މަނާކޮށްފައިވީ ނަމަވެސް ވަރަށް ފާޅުގައި އެކަން ދަނީ ކުރަމުންނެވެ. ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ އަޅިކެނޑިތަކާއި ޓިޝޫ ބަހައްޓާ ތަކެއްޗާއި ވިޔަފާރިތައް ހުޅުވާފައިކަން އަދި ބަންދުކުރާކަން އަންގަން ބަހައްޓާފައި ހުންނަ ބޯޑު ތަކުގައި ވެސް ސިނގިރޭޓް ބުރޭންޑްތަކުގެ ލޯގޯ ޖަހައިގެން އެކަންދަނީ ކުރަމުންނެވެ. އެކަންކަން ކުރަނީ ހިލޭ އެތަކެތި ބަހައިގެންނެވެ.

ފިހާރަތަކުގެ ޑިސްޕްލޭގައި ދުންފަތުގެ ބާވަތްތައް ވިއްކަން ބަހައްޓައިގެން ވިއްކުމަކީ ވަރަށް އާންމުކަމެކެވެ. ބިއްލޫރި ފިހާރަތައް ހަދާފައި ހުންނަ އިރު މަގުން ހިނގާ މީހުން އަޅައިގަންނަ ގޮތަށް ސިނގިރޭޓް ހުންނަނީ ވިއްކަން ބަހައްޓައިފަ އެވެ. ނަމަވެސް އެއީ މަނާކަމެއް ނަމަވެސް އެކަން ގިނަ ފަރާތްތަކަކަށް ނޭނގެ އެވެ. ނަމަވެސް އިސްތިހާރެއްހެން އެންމެންނަށް ފެންނަހެން ރީތިކޮށް ޑިސްޕްލޭކޮށް ހުންނަނީ ވިއްކަން ބަހައްޓައިފަ އެވެ.
"މިއީ އިސްތިހާރެއް ނޫން، މިހިރީ ވިއްކަން ބަހައްޓާފައި، މިހެން ބެހެއްޓޭނެ، މިކަން މަނައެއް ނުވާނެ،" ފިހާރައެއްގެ ސޭޓް ބުންޏެވެ.
އޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ވެސް އިސްތިހާރުކުރެ އެވެ. ރާއްޖެ އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން އިމްޕޯޓް ޑިއުޓީގެ ގޮތުން 1.25 ރުފިޔާ ސަރުކާރަށް ދައްކަންޖެހޭ އިރު އެއް ރުފިޔާއަށް ސިނގިރޭޓް ވިއްކާ ދުވަސްތައްދެ އެވެ. ގެއްލުމުގައި ސިނގިރޭޓް ވިއްކަނީ ބޮޑު އިސްތިހާރަކަށެވެ.
އޭގެ އިތުރުން ބައެއް ފަންގްޝަންތައް ބާއްވައި އެތަނަށްދާ ފަރާތްތަކަށް ތަޖުރިބާ ކުރުމަށް ސިނގިރޭޓް ދީ އެބުރޭންޑް އިސްތިހާރުވާ ފަދަ ޓީޝާޓާއި ތޮފްޕާއި ތަޅުދަނޑި ފޫފަދަ ތަކެތި ބަހާ ހެދުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ފަންގްޝަންތައް އަތޮޅުތެރޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިއީ މަނާކަންކަމެވެ.
"ސިނގިރޭޓު ބޯ މީހުންނަކީ އަބަދުވެސް އެކަން ކުރާނެ ބައެއް، އެމީހުން ތިބޭނީ އެކަން ކޮށްކޮށް، އެހެންވެ އެއިންޑަސްޓްރީން މިހާރު ބޮޑަށް ފޯކަސް ކުރަނީ އާ މީހުން އެކަމަށް ވެއްދުމަށް،" ދުންފަތުގެ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ.
މިފަހަކަށް އައިސް މާ ފުޅާ ދާއިރާއެއްގައި މިވަނީ އިސްތިހާރު ކުރަން ފަށައިފަ އެވެ. "ކެމަލް" ބްރޭންޑުގެ ސިނގިރޭޓު ފޮށިތަކުގެ ތެރެއަށް ކުޑަ ލިޔުންކޮޅެއްލައިގެން އެ ޕްރޮޑަކްޓް އިސްތިހާރު ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މަގުތައް މަތިން ވެސް ގިނަ އަދަދަކަށް އެކަރުދާސްކޮޅު ފެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ދުންފަތް އެއްވެސް ގޮތަކަށް ރާއްޖޭގައި އިސްތިހާރު ނުކުރެވޭނެ ކަމަށާއި ނަމަވެސް އެކިގޮތްގޮތަށް ރާއްޖޭގައި އެކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުޅާދާއިރާއެއްގައި ދުންފަތް އިސްތިހާރުކުރަމުންދާއިރު އެކަންކަން ހުއްޓުވޭތަނެއް ނުފެނެ އެވެ. "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދުން ކޮންމެ ކޮންމެ ތާކު ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައެޅިނަމަވެސް ހަގީގަތަކީ އެކަންވެސް އެކަށީގެންވާގޮތަކަށް ނުހުއްޓުވޭކަމެވެ.
އެޗްޕީއޭ އިން ބުނަނީ ދުންފަތް ކޮންޓުރޯލް ކުރުމުގެ އާންމު ގަވައިދު ގެޒެޓް ނުކުރާތީ އެކަންކަން ތަންފީޒު ކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
"ކޮންޓުރޯލް ކުރުމުމުގެ ޖުމުލަ މަސައްކަތައް އެގަވައިދު ވަރަށް މުހިންމު އެގަވައިދުގައި މިހިރީ ގާނޫނުގެ މާއްދާތައް، ހަމައެކަނި މިހާރު މިއަމަލު ކުރެވެނީ ސީދާ ދުމުން މީހުން ރައްކާތެރި ކުރުމުގެ ގޮތުން މިއިންނަ މާއްދާ އެކަނި ގާނޫނުން ދެން ގާނޫނުގައި ހުރި މާއްދާތައް މިހިރީ އާންމު ގަވައިދަށް ލާފައި، އާންމު ގަވައިދު ތަންފީޒް ނުކުރާތީ ގާނޫނު ޖުމުލަ ގޮތެއްގައި ތަންފީޒް ނުކުރެވޭ." ހަސަން ވިދާޅުވި އެވެ.
އާންމު ގަވައިދުން ގެޒެޓްކޮށް ތަންފީޒް ކުރުމުން ދުންފަތް ކޮންޓުރޯލް ކުރުމުގެ ގިނަ ކަންތައްތަކެއް ތަންފީޒް ކުރެވޭނެ ކަމަށާއި އެގަވައިދުގެ ދަށުން ކުޑަކުދިންނަށް ސިނގިރޭޓް ވިއްކުމާއި އިސްތިހާރު ކުރުން ހުއްޓުވޭނެ އިރު ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް މޮނީޓާ ކުރެވޭނެ އުސޫލްތަކެއް ކަނޑައެޅިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ކޮންމެ އަކަސް ގާނޫނެއް ހަދާފައި އޮތަސް ދުންފަތް އިސްތިހާރު ކުރުމާއި ބޭނުން ކުރުމުގައި ހަމައެއް ހަމައެއްނެތެވެ. އެމީހަކަށް ހެދުނު އެއްޗެއް އެމީހަކު ހަދަނީ އެވެ. ނަމަވެސް އެއީ ގާނޫނުން ކަނޑައެޅިގެން ކުށެކެވެ.