ގައުމީ ފެންވަރުގައި ހިންގާ ހަރަކާތްތަކާއި ސަރުކާރުގެ ރަސްމީ ދުވަސްތައް ފާހަގަކުރަން ނޫންގޮތަކަށް މަގުމަތީގެ ހަރަކާތްތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުވަސްތައް ފާހަގަކުރުމުގެ ނަމުގައި އަދި އެހެނިހެން ގޮތްގޮތުންވިޔަސް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހުރަސްއެޅި، މަގުތައް ހަލަބޮލިކޮށް، ދަތުރު ފަތުރުގެ ނިޒާމަށް ދަތިވާގޮތަށް އެއްވެސް ފަރާތަކުން ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައިވެސް ވަނީ މަގުމަތީ އެއްވެ ހިޔާލު ފާޅުކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ރައްޔިތުންނަށް އަމާން ވެށްޓެއް ކަށަވަރުކޮށްދީ، ދިރިއުޅުމާއި ދަތުރު ފަތުރުގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ފުލުހުންގެ ޤާނޫނާއި އެހެނިހެންވެސް ޤާނޫނުތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެހެން ވިދާޅުވެފައިވާއިރު ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން " ކޮންމެ މީހަކަށް" ލިބިގެންވާ ކަމަށެވެ.

އޮގަސްޓު 12 އަދި 13 ވަނަ ދުވަހުވެސް މަގުމަތީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

" އޮގަސްޓް 12، 13 ފާހަގަކުރުމުގެ ނަމުގައި ރަށުތެރެ ހަލަބޮލިކޮށް އާއްމު ދަތުރު ފަތުރުގެ ނިޒާމަށް ހުރަސްއެޅި ރައްޔިތުންގެ ހައްޤުތައް ނެތިގެންދާނޭ ގޮތަށް އެއްވެސް ފަރާތަކުން ހަރަކާތްތައް ރާވާ ހިންގާނަމަ އެހަރަކާތެއް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގައި ސުލްހަމަސަލަސްކަން ދަމަހައްޓައި ރައްކާތެރި ވެށްޓެއް ގާއިމްކޮށްދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.