ބެންކޮކް (އޮގަސްޓް 12) : ތައިލެންޑްގައި 24 ގަޑިއިރު ތެރޭގައި 6 ބޮމެއް ގޮއްވާލުމުގެ ސަބަބުން 4 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

ތައިލެންޑްގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން މީގެތެރެއިން ދެބޮން ގޮއްވާލާފައިވަނީ ބެންކޮކްގެ ދެކުނުގައިވާ ހުއާ ހިން ރެސޯޓްގައެވެ. މިޙާދިސާގައި ދެމީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެއެވެ. އަދި މިއަދު ހެނދުނު ތައިލެންޑްގެ އެހެން ރެސޯޓެއްކަމަށްވާ ޕުކެޓްގައިވެސް ދެ ބޮން ގޮއްވާލާފައިވެއެވެ.

މީގެއިތުރުން ތައިލެންޑްގެ ދެކުނުގެ ޕްރޮވިންސެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު ތައި ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ކުރިމަތީގައިވެސް ބޮމެއް ގޮއްވާލުމުގެ ސަބަބުންވެސް މީހަކު މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ބޮމުގެ މިޙަމަލާތަކާ ގުޅިގެން ތައިލެންޑްގެ އަސްކަރީ ވެރިޔާ އަދި ބޮޑުވަޒީރު ޖެނެރަލް ބްރާޔޮތް ޗާން އޮޗާ ވަނީ މިއީ ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި ބަޔަކު ހިންގި އަމަލުތަކެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ފަހަތުގައިވާ ބަޔަކު ނޭންގޭކަމަށް ޖެނެރަލް ޗާން އޮޗާ ވިދާޅުވިއެވެ.

ތައިލެންޑްގައި ގޮއްވާލީ ގޮވާތަކެތި ބޭނުންކޮށް މީހުންގެ އަމިއްލައަތުން ހަދާވައްތަރުގެ އާދައިގެ ބޮންތަކެއްކަމަށާ ހުރިހާ ބޮންތަކެއްވެސް ތައްޔާރުކޮށްފައިވަނީ އެއްގޮތަކަށް ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. މިބޮންތައް ގޮއްވާލާފައި މިވަނި ތައިލެންޑްގެ އަސްކަރީ ސަރުކާރުން އެކުލަވާލި އެގައުމުގެ އައު ގާނޫނު އަސާސީއަށް ރައްޔިތުން ރުހުންދިންތާ ފަސްވަރަކަށް ދުވަހުގެ ތެރޭގައެވެ.

އައު ގާނޫނު އަސާސީއަކީ ސިފައިންގެ މުއައްސަސާއަށް ބޮޑެތި ބާރުތަކެއްދީ ސިޔާސީ ހަރަކާތްތައް ހަނިކޮށްފައިވާ ގާނޫނު އަސާސީއެއްކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ)