ފްލޮރިޑާ (އޮގަސްޓް 12) : އިރާގާއި ސޫރިޔާގެ ބޮޑު ބައަކަށް ވެރިވެ ގަނެގެންއުޅޭ ހަރުކަށި އައިއެސް ޖަމާއަތުގެ މުއައްސިސަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަރުކަށި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ.

ޓްރަމްޕަށް ތާއީދުކުރާ މީހުން ފްލޮރިޑާގައި ބޭއްވި ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހައްދުފަހަނަޅާފައިވާ މީހުން އޮބާމާއަށް ތާއީދުކުރާނެ ކަމަށާއި އެފަދަ މީހުންގެ ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތުގެ ހަގީގީ ފައުންޑަރަކީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބަރަކް އޮބާމާ ކަމުގައެވެ. ޓްރަމްޕްގެ ބަހުގެ ހަމަލާތަކަށް އޮބާމާ އާންމު ގޮތެއްގައި ރައްދެއް ނުދެއްވައެވެ. އެހެންކަމުން އޭނާގެ މިވާހަކަތަކަށްވެސް ވައިޓް ހައުސްއިން ރައްދެއް ނުދެއެވެ.

ޓްރަމްޕްގެ ވާހަކާގައި އޭނާވަނީ ރިޔާސީ ރޭހުގައި އޭނާއާ ވާދަކުރައްވާ ހިލަރީ ކްލިންޓަނަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. މިގޮތުން ހިލަރީއަކީ އައިއެސް ޖަމާއަތް އުފައްދައި ދިނުމުގެ އޮބާމާގެ ބައިވެރިއެއްކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.

މީގެކުރިން ޓްރަމްޕްވަނީ އައިއެސް ޖަމާއަތުގެ މުއައްސިސަކީވެސް ހިލަރީ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޓްރަމްޕަކީ އޭނާގެ ދުލަށް އައިހާ ބަހެއް ވިދާޅުވަމުން ގެންދަވާ ހަރުކަށި ގައުމީ ވިސްނުމުގެ ބޭފުޅެކެވެ. އެމެރިކާގެ ހަރުކުލައިގެ މީހުންގެ ނަޒަރުގައި ޓްރަމްޕަކީ އެމެރިކާގެ ވެރިކަމަށް އެކަށީގެންނުވާ "ހިކި ހިއްވަރުގެ" ހަރުކަށި ބޭފުޅެކެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ -- ފޮޓޯ: މިޑްލްއީސްޓްމޮނިޓަރ

ޓްރަމްޕް މަސައްކަތް ކުރައްވަނީ އެމެރިކާ އާންމުން ހިތްހަމަޖެހޭ ބާވަތުގެ ވާހަކަތައް ދައްކައިގެން އޭނާގެ ތާއީދު އިތުރުކުރުމަށެވެ. މިގޮތުން ޖަޕާނާއި ޖަރުމަނުފަދަ މުއްސަނދި ގައުމުތަކުގެ ދިފާއީކަންކަން އެމެރިކާގެ ޚަރަދުގައި އެމެރިކާގެ ސިފައިން (އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާގެ އެހީގައި) ކުރަމުން ގެންދިޔުމުގެ ބޭނުމާމެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ސައޫދީ ޝާހީ އާއިލާ ފަދަ މުއްސަނދި އާއިލާތައް ހިމާޔަތް ކުރުމަށް އެމެރިކާ ޒަމާނުއްސުރެ ގެންގުޅޭ ސިޔާސަތުގެ ބޭނުމާމެދުވެސް ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. މިސުވާލުތައްވަނީ ޖީބަށް ބާރުބޮޑުވެފައިވާ އެމެރިކާގެ އާންމުންނަށް ވަރަށް ކަމުދާ ސުވާލުތަކަކަށް ވެފައެވެ.

އެމެރިކާ ދުނިޔެއަށް ހަންފެތުމަށްޓަކައި ކުރާ އަސްކަރީ ޚަރަދުތަކަކީ މިފަދަ އާންމުންނަށް މުހިއްމު ޚަރަދުތަކެއްނޫނެވެ. ނަމަވެސް ދުނިޔެއަށް ހަންފެތުމަށްޓަކައި އެމެރިކާކުރާ އެފަދަ އަސްކަރީ ޚަރަދުތަކަކީ އެމެރިކާގެ ހަރުކުލައިގެ މީހުންނާއި މަހުޖަނުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ވަރަށް މުހިއްމު ކަމެކެވެ. ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ބޮޑުވެފައި މުއްސަނދިންނާއި ހަރުކުލައިގެ މީހުންގެ މެދުގައި ކުޑައީ މިހެންވެގެންކަމަށް ބައެއް މުހައްލިލުން ދެކެއެވެ.

ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ ހަރުކުލައިގެ ބޭފުޅުން ކިތަންމެ ވަރަކަށް އެންޓި ކެމްޕެއިން ކުރައްވަމުން ގެންދެވިނަމަވެސް އޭނާގެ މަގްބޫލުކަން ދަށަށްނުދާކަމަށް ވެއެވެ. ޓްރަމްޕަށްވުރެ ހިލަރީގެ މަގްބޫލުކަން ތަންކޮޅެއް ބޮޑުނަމަވެސް ހިލަރީވަނީ މަގްބޫލުކަން މާބޮޑަށް އިތުރުކުރުމުގައި ނާކާމިޔާބުވެ ވަޑައިގެންފައެވެ.

އެމެރިކާ އާންމުން ހިތްހަމަޖެހޭ ބާވަތުގެ ވާހަކަތައް ޓްރަމްޕް ދައްކަވަނީ އެމީހުންގެ ހިތްތައް އަތުލައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ކަމަށާ އޭނާއަށްވެރިކަން ލިބިއްޖެނަމަ އެމެރިކާގެ އިންޕީރިއަލިސްޓް (ހަންފެތުރުމުގެ) ސިޔާސަތުވެސް އިތުރަށްވާނީ ބޮޑުކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)