12 Aug 2016, 16:40
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ ބަލިކޮށް، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ހޯދައިފި އެވެ.
ޒޯން ހަތަރެއްގައި އިއްޔެ ކުޅުނު މެޗުގައި ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަތުން ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
އިއްޔެ ކުޅުނު މެޗުގެ ސެޓުތައް ސަން އައިލެންޑުން ގެންދިޔައީ 25-7، 25-11 އަދި 25-15 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އަހްމަދު ފާޒިލް އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
ޒޯން ހަތަރެއްގައި ވާދަކުރަނީ ހަމައެކަނި ހޮލިޑޭ އައިލެންޑާއި ސަން އައިލެންޑެވެ. އެހެންކަމުން އެ ދެ ޓީމުގެ މެދުގައި ތިން މެޗު ކުޅެ، އެންމެ ގިނަ މެޗު ހޯދާ ޓީމަކަށް އެ ޒޯނުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެ ދެ ޓީމުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.
ޒޯން އެކެއްގައި އިއްޔެ މީރު އައިލެންޑް ރިސޯޓްއާ ދެކޮޅަށް ކުޅެ 3-1 ސެޓުން ކުރުނބާ މޯލްޑްވްސް ވަނީ މޮޅުވެފަ އެވެ. އިއްޔެ ކުޅުނު މެޗުގެ ސެޓުތައް ކުރުނބާ އިން ގެންދިޔައީ 25-23، 25-15، 14-25 އަދި 25-23 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުރުނބާގެ ހަސަން ޝަރީފް އެވެ.
ޒޯން އެކެއްގައި އިއްޔެ ކޮކޯ ބޮޑުހިތި އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަނޑޮސް މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 12-25، 16-25 އަދި 12-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބޮނޑޮސް ޓީމުގެ މުހައްމަދު ޝާއިން އެވެ.
ޒޯން ފަހެއްގައި އިއްޔެ ކުޅުނު މެޗުގައި ފިނޮޅު އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އަނަންތަރާ ކިހަވަށް ވިލާސް އިން ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް އަނަންތަރާ ކިހަވަށް ވިލާސް އިން ގެންދިޔައީ 21-25، 20-25 އަދި 17-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަނަންތަރާ ކިހަވަށް ވިލާސްގެ ޖަވާމް އަލީ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
އިންޓަ ރިސޯޓް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ހަތަރު ޒޯންއަކަށް ބަހާލައިގެންނެވެ. އެއީ ޒޯން އެކެއް، ދޭއް، ހަތަރެއް އަދި ފަހެކެވެ.
ޒޯން އެކެއްގައި ވާދަކުރާ ޓީމުތަކަކީ ބަނޑޮސް މޯލްޑިވްސް އާއި، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ޝެރެޓަން މޯލްޑިވްސް އާއި، ކުރުނބާ މޯލްޑިވްސް އާއި، މީރު އައިލެންޑް ރިސޯޓް އަދި ކޮކޯ ބޮޑުހިތި އެވެ. ޒޯން ދޭއްގައި ވާދަކުރާ ޓީމުތަކަކީ ފިހާޅޮހި އައިލެންޑް ރިސޯޓާއި، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް އަދި ޖުމެއިރަށް ވިއްޓަވެލި އެވެ.
މުބާރާތުގެ ޒޯން ހަތަރެއްގައި ވާދަކުރާ ޓީމުތަކަކީ ސަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ. ޒޯން ފަހެއްގައި ވާދަކުރާ ޓީމުތަކަކީ ފިނޮޅާއި، ސޮނޭވާފުށްޓާއި، އަނަންތަރާ ކިހަވަށް ވިލާސް އާއި، ފޯ ސީޒަންސް ލަނޑާ ގިރާވަރު އަދި ޑުސިޓް ތާނީ މޯލްޑިވްސް އެވެ.