28 May 2011, 10:41
ކްރެޑިޓަށް ތެޔޮ ނެގުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކުރާ ދައުވާ އަނބުރާ ގެންގޮސް، އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ފިއުލް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް ]ފޭމް[ އިން ގޮވާލައިފި އެވެ.
ފޭމްގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މެރީޑިއަމްއާ ދެކޮޅަށް އެސްޓީއޯ އިން ދައުވާ ކުރަނީ ރިޔާޒް ރަޝީދު ރައްޔިތުންގެ ހައްގުގައި ކުރާ ވަކާލާތަށް ހުރަސް އެޅުމަށް، އެގްރިމެންޓާ ވެސް ހިލާފަށް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެސްޓީއޯ އަށް ޑޮލަރު ލިބުން ދަތި ކަމަށް ބުނެ މެރީޑިއަމް އަށް ދީފައިވާ ކްރެޑިޓް ލިމިޓް އުނިކޮށްލި ފަހުން ވެސް މެރީޑިއަމް އަށް ތެޔޮ ދޫކުރި ގޮތަށް އެމްޑީޕީގެ ސަޕޯޓަރެއްގެ ކުންފުންޏަށް ތެޔޮ ދޫކޮށްފައިވާ ކަމަށެވެ.
އެސްޓީއޯ އާއި މެރީޑިއަމްއާ ދެމެދު ވިޔަފާރި ކުރަމުން ދިޔައީ ކްރެޑިޓް އުސޫލުން ކަމުން މެރީޑިއަމްގެ ފަރާތުން ވެސް އެހެން ކުންފުނިތަކާ ވިޔަފާރި ކުރަމުން އައީ ކްރެޑިޓް އުސޫލުން ކަމަށް ފޭމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކުއްލިއަކަށް އެސްޓީއޯ އިން ކްރެޑިޓް ލިމިޓް އުނިކޮށްލުމުން މެރީޑަމްގެ ފަރާތުން އެހެން ކުންފުނިތަކަށް ދޫކޮށްފައިވާ ތެލަށް ފައިސާ ލިބުން ވެސް ލަސްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ އެސްޓީއޯ އިން ނަގަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް މަސައްކަތް ނުކުރުމަށާއި އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް ދައުވާ ކުރާ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމަށް ގޮވާލައިފަ އެވެ. އަދި އެ މައްސަލަ "ފިނި ކޮޓަރީގައި" ހައްލުނުކޮށްފި ނަމަ ދެ ވަނަ ވިސްނުމަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ވެސް ފޭމް އިން ދީފައިވެ އެވެ.
"...އަދުގެ ސަރުކާރަށާއި އެސްޓީއޯ އަށް މި ގޮވާލަނީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް ވަކި މީހެއްގެ ސިޔާސީ އަވަހާރަ ކުރުމަކަށް މިފަދަ ކަންތައް ނުކުރެއްވުމަށާއި އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް މިހާރު ކުރާ ދައުވާ ކޯޓުން ބޭރުގައި ސުލްހަވެރިކަމާ އެކު ފިނި ކޮޓަރީގައި ނިންމުމަށް ތަކުރާރުކޮށް ގޮވާލައި އިލްތިމާސް ކުރަން،" އެ ބަޔާނުގައިވެ އެވެ. "އެހެން ނޫނީ ދެ ވަނަ ވިސްނުމަކަށް ދާންޖެހިދާނެ." ދާދިފަހުން އެމްޑީޕީ އަށް ސޮއިކުރެއްވި އަހުމަދު ރަޝީދު ހެޑް ކުރައްވާ ޖަމިއްޔާ އިން ނެރުނު ބަޔާނުގައިވެ އެވެ.