14:30


ޤާނޫނު މާނަކުރުމުގައި އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލުކޮށްނުދެއްވެއްޏާ ސްޕްރީމް ކޯޓު ހުރުމުގެ ބޭނުމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޖު ޙުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.


ވީޓީވީން ގެނެސްދޭ ހޫނުގޮނޑި މި ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވީ ޤާނޫނޫ މާނަކުރުމުގައި ދައުލަތުގެ މުއައްސަސާތަކުގައި މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލުކޮށްދިނުމަށްޓަކައި ސްޕްރީމްކޯޓުގެ ޤާނޫނީ ލަފާފުޅަކަށް ބަންޑާރަނައިބަށް އެދިވަޑައިގެންނެވޭ ކަމަށާއި، އެފަދަ ހާލަތެއްގައި ސްޕްރީމް ކޯޓުން ޤާނޫނީ ލަފާ ނުދެއްވާނަމަ އެކޯޓު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.


އެ ޕްރޮގްރާމްގައި ސުއޫދު ވިދާޅުވީ ދެމުއައްސަސާއެއްގެ ދެމެދުގައި ޤާނޫނު މާނަކުރުމުގައި އުފެދޭ ޚިޔާލު ތަފާތުވުމެއް ސްޕްރީމްކޯޓުގެ ޤާނޫނީ ލަފާފުޅެއް ލިބިގެންނޫނީ ހައްލުވެދާނެ ކަމަށް ޤާބޫލުނުކުރައްވާ ކަމަށާއި ޤާނޫނީ އަސާސީން ސްޕްރީމް ކޯޓުން އުފެއްދުމުގައި އެފަދަ މައްސަލަތައް ހައްލުކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.


ރޭގެ އެ ޕްރޮގްރާމްގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށްވެސް ސުއޫދުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވާ އަދުލު އިންސާފުގެ ދާއިރާގައި މަސައްކަތްކުރައްވާ އެހެން ބައެއް ފަނޑިޔާރުންނަށް މަޤާމުގެ ގޮތުން ދެއްވަންޖެހޭ ކުރިއެރުން ދިނުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ހުސްނުއް ސުއޫދު ވިދާޅުވީ ޤާނޫނޫ އަސާސީގެ 285 ވަނަ މާއްދާގެ ދަށުން މިޤާނޫނު އަސާސީއަށް އަމަލުކުރަން ފަށާތާ ދެއަހަރުގެ ތެރޭގައި ފަނޑިޔާރުންނާމެދު ޖުޑީޝަލް ސާވިސް ކޮމިޝަނުން ގޮތެއް ނިންމަން ބުނެފާވާ ބުނުމަށް އަމަލުކުރުމުގައި އެކޮމިޝަނުގައި ތިއްބެވި ފަނޑިޔާރުންގެ އެއްބާރުލުން ލިބެމުންނުދާ ކަމަށެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ކަމުގައި އުއްތަމަ ފަނޑިޔާރު ފިޔަވާ އެހެން ބޭފުޅަކު ހުރުމަކީ ޤަބޫލުކުރާ ކެމެއް ނޫން ކަމަށްވެސް ރޭގެ އެ ޕްރޮގްރާމްގައި ސުއޫދު ވަނީ ވިދާޅުވެފަ އެވެ.


 


ވީޓީވީގެ ހޫނު ގޮނޑި އޮންނަ ސެގްމަންޓް "އާ އެނކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވުމަށް ކޮންމެ މެހުމާނަކަށް ވެސް އޮންނަ ފުރުސަތުގައި، މިސަރުކާރުން ޝަރޫއީ ނިޒާމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރޭތޯ ޕްރެޒެންޓަރ ދެންނެވުމުން ސުއޫދު ވިދާޅުވީ ނުފޯރުވާ ކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމަށް ހުރަސް އަޅާތޯ ދެންނެވުމުން ވިދާޅުވީ އަޅާ ކަމަށެވެ. މަޤާމުގެ ހައިސިއްޔަތުން އެމަނިކުފާނު ދެއްވާ ޤާނޫނީ ލަފާ ރައީސް ނަޝީދު ޤާބޫލުކުރައްވަމުންތޯ ދެންނެވުމުން ވިދާޅުވީ ކުރައްވާ ކަމަށެވެ.