ބޭކާރު ވާހަކަ ދެއްކުމާއި އަނެކުންނަަށް ފުރައްސާރަކޮށް މުއާމަލާތް ކުރުމާއި ދުނިޔަވީ ކަންކަމުގައި މިސްކިތުގައި އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި ކުރުން ހެޔޮވެގެންވާނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"މިސްކިތުގެ އަދަބުތައް" އެމައުލޫއަށް ދަރުސް ދެއްވަމުން މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަނެކުންނަށް އުދަނގޫ ވާވަރަށް މިސްކިތުގައި ބާރަށް ގުރުއާން ކިޔެވުން ހުއްދަވެގެން ނުވާއިރު "ދުނިޔަވީ ކަންކަމުގައި މިސްކިތުގައި އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި ކުރުން ހެޔޮވެގެންވާނެ ކަމެއް ނޫން" ކަމަށެވެ.

އިސްލާމް ދީން ބާރު އަޅުއްވާފައިވަނީ ނަމާދުގެ ޖަމާއަށް އަންނަ މީހުންނަށް ހަމަހިމޭ ވެއްޓެއް ގާއިމް ކުރުމަށް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި މާތް ﷲ އަށް މުނާޖާ ދެންނެވުމަށް ހުންނަ އިރު ތިމާގެ ސިކުނޑި އެހެން ކަމަކާ މަޝްއޫލު ނުވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

މިސްކިތުގެ އަދަބުތަކުގެ ތެރޭގައި މިސްކިތް ފޮޅާ ސާފުކުރުމާއި، މިސްކިތް މަރާމާތު ކުރުމާއި ހަޑިތަކެތިން މިސްކިއް ތާހިރު ކުރުން ހިމެނޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި މިސްކިތް ސާފުކޮށް ބެހެއްޓުމަކީ ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަަލައިހި ވަސައްލަމްވެސް ބާރު އަޅުއްވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ބައެއް ފަރާތްތަކުން މިސްކިތައް ނަމާދައް ދާއިރު ނުތާހިރުކޮށް ހެދުން އަޅައިގެން މިސްކިތައް ދާންކަމަށް ހުކުރު ހުތުބާގައި ފާހަގަކޮށް ވިދާޅުވީ އެފަދަ ހެދުން ލައިގެން މިސްކިތައް ދިއުމުން އެހެން މީހުންނަށް އުނދަގޫވާ ކަމަށެވެ. ހުތުބާގައި އިތުރަށް ބުނެފައިވަނީ މާތްﷲ ވަހީ ކުރައްވާފައިވާ ފަދައިން ނަމާދު ކުރާ ކޮންމެ ހިނދެއްގައިމެ ޒީނަތްތެރިކަމުގައި ހިފާން އިސްކަމެއް ދިނުމަށެވެ.