ބާސެލޯނާ ތަރި ލިއޮނެލް މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް އަލުން އެނބުރި ނާންނާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފި އެވެ.

ފަސް ފަހަރުގެ ފީފާ ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ މި އަހަރު އެމެރިކާގައި ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު އެވެ. އެއީ ކޮޕާ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ޗިލީ އަތުން ބަލިވި ދެ ވަނަ ފަހަރެވެ.

މި އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު، މެސީ މާޔޫސްވެފައި: އެ މެޗަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން އޭނާ އިއުލާންކޮށްފައިވޭ --- ފޮޓޯ: އޭޕީ

"އަހަރެންނަށް ހިއެއް ނުވޭ މެސީ އެނބުރި އަންނާނެ ހެންނެއް. އެއީ އަހަރެންގެ ވިސްނުމަކީ. ފަހަރެއްގައި އަހަރެންގެ ވިސްނުން ގޯސް ވެސް ވެދާނެ،"ރޭޑިއޯ ލަ ރެޑްއަށް ދިން އިންޓަވިއުއެއްގައި މެރަޑޯނާ ބުންޏެވެ.

އާޖެންޓީނާ ގައުމީ ޓީމާ އަލަށް ހަވާލުވި އެޑްގާޑޯ ބައުޒާ ވެސް ވަނީ މިދިޔަ ބުދަ ދުވަހު މެސީގެ ނިންމުން ބަދަލުކޮށް، އަލުން ގައުމީ ޓީމަށް ގެނައުމަށް އޭނާއާ މަޝްވަރާ ކުރުމަށް ސްޕެއިން އަށް ދަތުރު ކޮށްފަ އެވެ.

މި އަހަރު ކުރިއަށްދިޔަ ކޮޕާ އެމެރިކާގެ ތެރޭގައި މެސީ ވަނީ އާޖެންޓައިން ފުޓްބޯލް ފެޑެރޭޝަން (އޭއެފްއޭ)އާ މެދު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. އޭއެފްއޭގެ ހިންގުން ވަރަށް ދަށް ކަމަށް މެސީ އޭރު ބުނެފައިވެ އެވެ.