އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 500 މީޓަރު ޑަބަލް ސްކަލްސް އިވެންޓުން ކްރޮއޭޝިއާގެ ދެ ބެއިން ކަމަށްވާ މާޓިން އަދި ވަލެންޓް ސިންކޮވިޗް ރަން މެޑެއްޔެއް ހޯދައިފި އެވެ.

ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކްރޮއޭޝިއާގެ ދެ ބެއިން އެ އިވެންޓުގެ ރަން މެޑެއްޔެއް ހޯދާފައިވަނީ ރިހި މެޑެއްޔެއް ހޯދި ލިތުއޭނިއާގެ ޕެއާ އަށްވުރެ، 1.11 ސިކުންތު ކުރިން ރޭސް ނިންމައިގެންނެވެ. ސްކަލްސް އަކީ ފަލި ޖެހުމުގެ އިވެންޓެކެވެ.

އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 500 މީޓަރު ޑަބަލް ސްކަލްސް އިވެންޓުން ރަން މެޑެއްޔެއް ހޯދި ކްރޮއޭޝިއާގެ ދެ ބެއިން ފައިނަލުގައި ވާދަކުރަނީ --- ފޮޓޯ: އޭޕީ

ރަން މެޑެއްޔެއް ހޯދި ސިންކޮވިޗް ދެ ބެއިން 6:50.28 އިން ރޭސް ނިންމި އިރު، ރިހި މެޑެއްޔެއް ހޯދި ލިތުއޭނިއާގެ ސައުލިއަސް ރިޓާ އާއި މިންޑައުގަސް ގްރިސްކޮނިސްގެ ޕެއާ އަށް ރޭސް ނިންމުނީ 6:51.39 އިންނެވެ. އަދި ލޯ މެޑެއްޔެއް ހޯދި ނޯވޭގެ އޮލަފް ޓުފްޓޭ އާއި ކިޖެޓިލް ބޯޝްގެ ޕެއާ އަށް ރޭސް ނިންމިފައިވަނީ 6:53.25 އިންނެވެ.

އޮލިމްޕިކްސްގައި އަލަށް ވާދަކުރި އިނގިރޭސިވިލާތުގެ ޖޮނަތަން ވޮލްޓަން އާއި ޖޯން ކޮލިންސްގެ ޕެއާ އަށް ރޭސް ނިންމުނީ ފަސް ވަނައިގަ އެވެ. އެ ޕެއާ އަށް ރޭސް ނިންމުނީ ރަން މެޑެއްޔެއް ހޯދި ދެ ބެއިންނަށްވުރެ، 11 ސިކުންތު ލަހުންނެވެ.