އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 50 މީޓަރު ރައިފަލް އިން ރެކޯޑަކާ އެކު ޖަރުމަނުގެ ބާބަރާ އެންގްލެޑާ ރަން މެޑެއްޔެއް ހޯދައިފި އެވެ.

އުމުރުން 33 އަހަރުގެ އެންގްލެޑާ ރަން މެޑެއްޔެއް ހޯދާފައިވަނީ 458.6 ޕޮއިންޓުން އެ އިވެންޓުގެ ފައިނަލް ކާމިޔާބުކޮށްގެންނެވެ. އެއީ އޮލިމްޕިކްސް ތާރީހުގައި ރެކޯޑު ނަތީޖާއެކެވެ.

އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 50 މީޓަރު ރައިފަލް އިން ރަން މެޑެއްޔެއް ހޯދި ޖަރުމަނުގެ ބާބަރާ އެންގްލެޑާ(މ) އާއި ރިހި މެޑެއްޔެއް ހޯދި ޗައިނާގެ ބިންބިން ޒަންގް(ވ) އަދި ޑޫ ލީ(ކ) --- ފޮޓޯ: އޭޕީ

އެ އިވެންޓުގެ ފައިނަލުގައި އެންގްލެޑާއާ އެންމެ ކައިރިން ވާދަކުރީ ޗައިނާގެ ބިންބިން ޒަންގް އެވެ. ރިހި މެޑެއްޔެއް ހޯދި ޒަންގް އާއި އެންގްލެޑާއާ ދެމެދު އޮތީ 0.2 ޕޮއިންޓްގެ ފަރަގެކެވެ. އެ އިވެންޓުން ލޯ މެޑެލް ހޯދާފައިވަނީ ވެސް ޗައިނާގެ އެތުލީޓެކެވެ. އިވެންޓުގައި ޗައިނާގެ ޑޫ ލީ އަށް ހޯދިފައިވަނީ 447.4 ޕޮއިންޓެވެ.

އެންގްލެޑާ ހޯދި ރަން މެޑެއްޔަކީ މިހާތަނަށް ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ޖަރުމަނުން ހޯދި ފަސް ވަނަ ރަން މެޑެއްޔެވެ.